ރައީސްގެ ދައުވަތަކަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންގާރަ ދުވަހު ރާއްޖެއަށް

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބް ބިން ތުން ޙާޖީ ރައްޒާޤާއި އެމަނިކުފާނުގެ އަނބިކަނބަލުން ދާތިން ސެރީ ރޮސްމާހް މަންސޫރު މި މަހުގެ 19 ވަނަ ދުވަހު ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެއެވެ.

މި މަހުގެ 19 އިން 20 އަށް މެލޭޝިޔާގެ ބޮޑުވަޒީރު ކުރައްވާ މިދަތުރުފުޅުގައި، ދިވެހި ރާއްޖެ އާއި މެލޭޝިޔާގެ އިސްވެރިންގެ މެދުގައި މަޝްވަރާތައް ބޭއްވުމަށާއި، ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމާބެހޭ އެއްބަސްވުން ތަކެއްގައި ސޮއި ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރަކީ ދިވެހި ރާއްޖެ އާއި މެލޭޝިޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 49 އަހަރު ފުރޭ އަހަރެވެ. ދިވެހި ރާއްޖެ އާއި މެލޭޝިޔާއާ ދެމެދު ރަސްމީ ގޮތުން ދޭދޭގުޅުން ޤާއިމްކުރީ 1968 ގައެވެ.

ރާއްޖެއާއި މެލޭޝިޔާއާ ދެމެދު މިހާރުވެސް ދަނީ އިންސާނީ ވަޞީލަތްތަކާއި އަސްކަރީ އަދި ސަލާމަތީ ބާރުތައް ތަރައްޤީކޮށް ކުރިއެރުވުމުގައި އެއްބާރުލުންދީ ރާއްޖޭގެ ޝަރުއީ ދާއިރާގެ ހިންގުމާއި އެދާއިރާގެ ޤާނޫނީ އޮނިގަނޑު ހަރުދަނާކޮށް ތަރައްޤީކުރުމުގައި ގުޅިގެން މަސައްކަތް ކުރަމުންނެވެ.

މެލޭޝިޔާގެ ބޮޑުވަޒީރަކު އެންމެ ފަހުން ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައި ވަނީ މީގެ 33 އަހަރު ކުރިންނެވެ. ކުރީގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ މަހާތިރް މުޙައްމަދު ރާއްޖެއަށް މި ދަތުރުފުޅު ކުރެއްވީ 1984 ވަނަ އަހަރުއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.