މާލޭގެ ރައްޔިތުންނަށް ބޯހިޔާ ވެހިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން ވެފައިވަ ވައުދާއި އެއްގޮތަށް އަންނަ މަހު 1000 ފްލެޓަށް އިއުލާން ކުރާނެ ކަމަށް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަކްޗަރ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ މިވީ ދުވަސްތަކުގައި އެއްވެސް މަސައްކަތެއް ވެފައިނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މި ސަރުކާރުގައި ބާކީ އޮތީ އަހަރެއްހަ ދުވަސްކަން ފާހަގަކުރައްވާ އާޒިމް ވަނީ މިއޮތް ދުވަސްތަކުގައި މާލޭގެ ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދިދާނެ ކަމާއިމެދު ސުވާލު އުފައްދަވާފައެވެ. ޚާއްސަކޮށް، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދުމަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދިދާނެތޯ އާޒިމް ވަނީ މިނިސްޓަރާއި ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ވެފައިވާ ވައުދާއި އެއްގޮތަށް މާލޭގެ ރައްޔިތުންގެ ބޯހިޔާ ވަހިކަމުގެ މައްސަލަ ހައްލު ވެގެންދާނެ ކަމަށެވެ.
މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ، މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ވެފައިވާ ވައުދާއި އެއްގޮތަށް ހުޅުމާލެއިން ޚާއްސަކުރާ 1000 ގޯތި ދޭނެ ސަރަހައްދު އެޗްޑީސީން މިހާރުވަނީ ކަނޑައަޅާފައެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާޅިހު ވިދާޅުވެފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް މާލެއަތޮޅު ގިރާވަރު ފަޅު ހިއްކައިގެން މާލޭ ރައްޔިތުންނަށް 2000 ގޯތި ދޫކުރުމުގެ މަޝްރޫޢެއް އިޢުލާންކުރައްވާފައެވެ. އަދި ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ހުޅުމާލޭގައި ކުރިއަށްދާ ހައުސިންގ މަޝްރޫޢުގެ ދަށުން މާލޭގެ ރައްޔިތުންނަށް 5000 ހައުސިންގ ޔުނިޓު ހަމަޖެއްސުމަށާއި އިތުރު 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެއްޓެވުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.