ޖަރުމަނަށް ރާއްޖެއިން ކަނޑަޅުއްވާ ސަފީރުގެ މަގާމަށް ޝާން ޝާކިރު ހަމަޖެއްސުމަށް މަޖިލީހުން ރުހުން ދީފި

ޖަރުމަނަށް ރާއްޖެއިން ކަނޑަޅުއްވާ ސަފީރުގެ މަގާމަށް ޢާއިޝަތު ޝާން ޝާކިރު ހަމަޖެއްސުމަށް މަޖިލީހުން ރުހުން ދީފިއެވެ.

ޝާން އެ މަގާމަށް އައްޔަން ކުރުމާ ބެހޭގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދުނެގި ވޯޓުގައި ބައިވެރިވި ވަޑައިގެންނެވި ހުރިހާ މެންބަރުން ވޯޓުދެއްވީ އޭނާ އެ މަގާމަށް އައްޔަން ކުރުމަށެވެ.

ރާއްޖޭގެ ފުރަތަމަ އަންހެން ޗީފް އޮފް ޕްރޮޓޮކޯލް ޝާން، އެ މަގާމަށް އައްޔަން ކުރެއްވުމަށް ނިންމަވާ މަޖިލީހުގެ ރުހުން ހޯދުމަށް  ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ މިދިޔަ އޭޕްރީލް މަހު 25ގައެވެ.

ޝާން އެ މަގާމަށް އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު، ރާއްޖޭން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި މިވަގުތު ހުންނެވި ހ. ސީވީޑް އަހްމަދު ލަތީފް އަނބުރާ ރާއްޖެއަށް ގެންނަން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

2020 ވަނަ އަހަރުން ފެށިގެން ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ފުރުއްވަމުން ގެންދަވާ ޝާން ޝާކިރު ވަނީ ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާ ސަފީރު ކަމާއި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީކަން ވެސް ކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.