މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތު 30 މިނެޓަށް އިތުރުކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތު 30 މިނެޓަށް އިތުރުކުރަން ހުށަހަޅައިފިއެވެ.

މިގޮތަށް ހުށަހެޅި މިއަދު ބޭއްވި މަޖިލީހުގެ އާންމު ކޮމެޓީގެ ބައްދަލުވުމުގައެވެ. ވަޒީރުންނާއި ސުވާލު ކުރުމަށް މިހާރު ކަނޑައަޅާފައިވާ ވަގުތަށް 10 މިނިޓް އިތުރު ކުރުމަށް ހުށަހަޅާފައިވާއިރު، މިބަދަލު ގެނައުމަށް ކޮމެޓީގެ މެމްބަރުން ވަނީ ތާއީދުކޮށްފައެވެ.

ވަޒީރުންނާއި ސުވާލު ކުރުމަށް ކަނޑައަޅާފައިވާ ވަގުތު 30 މިނިޓަށް އިތުރުވެގެންދާނީ ވަޒީރުގެ އިޢުތިރާޒެއް އެކަމުގައި ނެތްކަމުގައިވާނަމައެވެ.

ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާއި ސުވާލު ކުރުމަށް ލިބޭ ފުރުސަތުގައި ސުވާލު ކުރުމަށް ކަނޑައަޅާފައިވާ ވަގުތުގައި ތަފާތު އެކި ކަންކަމުގައި ވަޒީރުންނާއި ސުވާލު ކުރުމަށް ހުޅުވާލެވެއެވެ.

އެހެންކަމުން މި ފުރުސަތުގައި މެމްބަރުންނަށް ސުވާލު ކުރުމަށް ލިބޭ ވަގުތު ކުޑަކަމުގެ ޝަކުވާއަކީ މަޖިލީހުގެ ގިނަ މެމްބަރުން ފާޅު ކުރައްވާ ޝަކުވާއެކެވެ.

އެހެންކަމުން މިމައްސަލައަށް ހައްލު ހޯދުމަށް މަޖިލީހުގެ އާންމު ކޮމެޓީގެ ލަފަޔަކަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. އަދި މެމްބަރުންނަށް ވަޒީރުންނާއި ސުވާލު ކުރެއްވުމަށް އެކަށީގެންވާ ވަގުތު ދިނުމަށް، މިހާރު ކަނޑައަޅާފައިވާ ވަގުތަށް ބަދަލު ގެނައުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.

މަޖިލީހުގެ ގަވާއިދު މިހާރު ބުނާގޮތުން ވަޒީރުންނާއި ސުވާލު ކުރުމަށް މެމްބަރުންނަށް 20 މިނިޓު ލިބޭއިރު، އޭގެ ތެރެއިން ސުވާލު ކުރައްވާ މެމްބަރަށް ވަޒީރާއި ދެ ސުވާލެއް ކުރުމުގެ ފުރުސަތު ލިބެއެވެ. އެހެން މެމްބަރުންނަށް ސުވާލު ކުރުމުގެ ފުރުސަތު ލިބެނީ އެއަށްފަހުއެވެ.

ވަޒީރުންނާއި ސުވާލު ކުރުމަށް ލިޔުމުންނާއި، މަޖިލީހަށް ހާޒިރު ކޮށްގެން ވެސް ޖަވާބު ހޯދޭނެ ގޮތް ވަނީ ތަނަވަސްކޮށްފައެވެ. ވަޒީރަކާއި ކުރެވޭ ސުވާލަށް ޖަވާބު ދިނުމަށް 14 ދުވަހުގެ ނޯޓިސްއެއް އެވަޒީރަކަށް ދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.