ބޭންކް އޮފް މޯލްޑިވްސް ގެ މޯބައިލް ބޭންކިންގ އެޕް ގައި ބީއެމްއެލް ޕޭ ވޮލެޓްގެ ޚިދުމަތް މިއަދު ތައާރަފްކޮށްފިއެވެ.
މި އަޕްގްރޭޑާއެކު، ކޮންޓެކްޓްލެސް ޕޭމަންޓްގެ ޚިދުމަތް އަދި ވޮލެޓް-ޓު-ވޮލެޓް ޓްރާންސްފަރ ގެ ޚިދުމަތް އެޕް މެދުވެރިކޮށް ލިބިގެންދާނެއެވެ.
އަލަށް ތައާރަފް ކުރެވުނު މި ޚިދުމަތާއެކު، ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ހަލުވިކަމާއި ރައްކާތެރިކަމާއެކު ޕޭމަންޓް ފުރިހަމަ ކުރުމަށް ކަސްޓަމަރުންނަށް ސްކޭން ޓު ޕޭ ގެ ޚިދުމަތް ބޭނުންކުރެވޭނެއެވެ. އަދި ހަމައެކަނި މޯބައިލް ނަންބަރު ބޭނުންކޮށްގެން އާއިލާ އާއި ރަހުމަތްތެރިންނަށް ފައިސާ ވެސް ފޮނުވޭނެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ރައްކާތެރިކަމާއި ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް މޯބައިލް ބޭންކިންގ އެޕަށް އައު ބަދަލުތަކަކާއި އިތުރު ފީޗަރ ތަކާއެކު މިދިޔަ އަހަރު ގެނެވުނު ކަމަށެވެ. އަދި މިއަދު ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް މޯބައިލް އެޕް ގައި ހިމެނިގެންދިޔުމާއެކު ކަސްޓަމަރުންނަށް މިހާރު އެއް އެޕް މެދުވެރިކޮށް ފައިސާ ދެއްކުމާއި ބޭންކިންގ ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.
"ކަސްޓަމަރުންނަށް ފައިސާ ދެއްކުމަށް ސްކޭން ޓު ޕޭ މެދުވެރިކޮށް ނުވަތަ އެންއެފްސީގެ ހިދުމަތް އެކުލެވޭ ފޯނެއް މެދުވެރިކޮށް ޓެޕް ޓު ޕޭ ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި މާރޗަންޓަކަށްވެސް އެޕް މެދުވެރިކޮށް ފައިސާ ފޮނުވޭނެ." ޓިމް ސޯޔަރ ވިދާޅުވިއެވެ.
"މިއަދު ގެނެވުނު ބަދަލަތަކާއެކު މޮބައިލް ބޭންކިންގ އެޕް އަކީ ކަސްޓަމަރުން ބޭނުންވާނެ ހަމައެކަނި ވޮލެޓް. މުޅި ދުނިޔޭގައިވެސް މޮބައިލް ބޭންކިންގ މެދުވެރިކޮށް ހަދާ ކޮންޓެކްޓްލެސް ޕޭމަންޓްތަކަކީ އެންމެ ރައްކާތެރި އަދި އެންމެ އަވަހަށް ފައިސާގެ މުއާމަލާތްކޮށްލެވޭ ގޮތް. މިފަދަ ޚިދުމަތެއް ބޭންކުގެ އެޕް މެދުވެރިކޮށް ދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަޅުގަނޑުމެންގެ އަމާޒަކީ ޓެކްނޮލޮޖީ އަށް އިންވެސްޓްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފުރިހަމަ ބޭންކިންގ ޚިދުމަތެއް ދިނުން." ޓިމް އިތުރަށް ވިދާޅުވިއެވެ.
2015 ވަނަ އަހަރު މުޅިން އަލަށް ރާއްޖެއަށް މޯބައިލް ބޭންކިންގ ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފައިވަނީ ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު ކޮންމެތަނަކު ހުރެގެން ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުންނެވެ.
ބޭންކުގެ 90 އިންސައްތަ ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ ޚިދުމަތް ބޭނުންކުރެއެވެ.
ސްކޭން ޓު ޕޭ: ޕީއޯއެސް ޓަރމިނަލް މެދުވެރިކޮށް "ސްކޭން ޓު ޕޭ" ނެންގެވުމަށްފަހު ނުވަތަ މަރޗަންޓް މެދުވެރިކޮށް ބީއެމްއެލް ކިއުއާރު ސްޓިކަރ ބޭނުންކޮށްގެން ކާޑާއި ނުލައި ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ރައްކާތެރިކަމާއެކު ކަސްޓަމަރުންނަށް ފައިސާ ދައްކާލެވޭނެއެވެ.
ޓެޕް ޓު ޕޭ: ކަސްޓަމަރުންގެ އެންއެފްސީގެ ހިދުމަތް ހިމެނޭ ފޯން ޕީއޯއެސް މެޝިން ގައި ޖައްސާލުމުން ކާޑާއި ނުލައި ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ރައްކާތެރިކަމާއެކު ކަސްޓަމަރުންނަށް ފައިސާދައްކާލެވޭނެއެވެ.
މޯބައިލް ކީ-އިން: ޕޭމަންޓެއް ހެދުމުގެ ކުރިން، ކަސްޓަމަރުންނަށް 'މޯބައިލް ކީ-އިން' ނެންގެވުމަށްފަހު ފޯނު ނަންބަރު ޖެހުމުން ފައިސާ ދެއްކުމަށް ރިކުއެކްސްޓެއް ލިބޭނެއެވެ. މި ރިކުއެސްޓް އެޕްރޫވް ކުރުމުން ޕީއޯއެސް ޓަރމިނަލް މެދުވެރިކޮށް ފައިސާ ދައްކާލެވޭނެއެވެ.