މާބައިދޫގައި ލޯކަލް ޓޫރިޒަމް ފަށައިގަތުމަށް ކުރަންޖެހިފައިވާ މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު ރައީސް އާ ހިއްސާ ކުރައްވައިފި

މާބައިދޫގައި ލޯކަލް ޓޫރިޒަމް ފަށައިގަތުމާއެކު ރަށުގައި ފުލުހުން ޤާއިމްވެތިބުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާ އެރަށު ކައުންސިލަރުން މަޝްވަރާކުރައްވައިފިއެވެ.

ހައްދުންމަތީ މާބައިދޫ ކައުންސިލަރުންނާއެކު ރައީސް ސާލިހު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ހިއްޞާކުރައްވާފައެވެ.

މާބައިދޫގެ ތަރައްޤީއަށް މިހާރަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމާބެހޭގޮތުން މަޝްވަރާކުރައްވާ، ކައުންސިލުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި މާބައިދޫ ސްކޫލަށް ދަތިވެފައިވާ ކަންކަމުގެ މައްސަލަ ހިމެނެއެވެ. އަދި އައިސް ޕްލާންޓް ޤާއިމްކުރުމުގައި ދިމާވެފައިވާ މައްސަލައާއި ރަށުގައި ލޯކަލް ޓޫރިޒަމް ފަށައިގަތުމަށްޓަކައި ކުރަންޖެހިފައިވާ މުހިންމު ބައެއް މަސައްކަތްތަކުގެ މަޢުލޫމާތު ވެސް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މާބައިދޫ ކައުންސިލުގެ ފަރާތުން ވަނީ ސަރުކާރުން އެ ރަށުގެ ތަރައްޤީއަށް ފަށާފައިވާ ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން އެ ރަށު ކައުންސިލުން އަލަށް މީހުން އާބާދުކުރަން ވިސްނަވައި ގޯތި ދޫކުރަން ކަނޑައަޅާފައިވާ ސަރަޙައްދާއި ހަމައަށް ނަރުދަމާ ނިޒާމު ފުޅާކުރުމުގެ މުހިންމުކަން ވެސް ފާހަގަ ކުރައްވާފައެވެ. އަދި ލޯކަލް ޓޫރިޒަމް ފަށައިގަތުމާއެކު ރަށުގައި ފުލުހުން ޤާއިމްވެތިބުމުގެ މުހިންމުކަމާއި ކައުންސިލް ޢިމާރާތް ގިނަ ދުވަސްވެ، ބައުވެފައިވުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިކަމުގެ މަޢުލޫމާތު އެ ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ހިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލްތަކުގެ ޚިޔާލާއި ވިސްނުމާ އެއްގޮތަށް އެކިއެކި މަޝްރޫޢުތަކާއި ސަރުކާރުން ހިންގަވާ މަސައްކަތްތައް ބައްޓަންކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މާބައިދޫ ކައުންސިލުން ފާހަގަކުރެއްވި ސްކޫލަށް ދިމާވެފައިވާ ޖާގައާއި ވަޞީލަތުގެ ދަތިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި މަސައްކަތް ކޮށްދެއްވާނެ ކަމަށާއި ރަށް ގިރުމުގެ މައްސަލައަކީ މި އަހަރުގެ ބަޖެޓުގައި ހިމެނިގެން ކުރިއަށްދާ މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ކައުންސިލުގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ގާތުން ބައްލަވާދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންނަށް ވަނީ އަރުވާފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.