އިންޑިޔާ ސަފީރާ ބައްދަލު ކުރުމުން ގއ. އަތޮޅު ކައުންސިލް މެމްބަރުން 3 މަހަށް ސަސްޕެންޑް

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ނެތި ރާއްޖޭގައި ހުންނަވާ އިންޑިޔާގެ ސަފީރާ ބައްދަލު ކުރުމުން ގއ. އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފިއެވެ.

އެލްޖީއޭއިން ބުނީ މިއަދު އެގޮތަށް ނިންމީ އެ އޮތޯރިޓީގެ ހުއްދަ ނެތި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާ ކައުންސިލް ތަކުން ބައްދަލު ކުރުން މަނާ ކޮށްފައި ވަނިކޮށް ގއ. އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލު ކުރުމުން ކަމަށެވެ.

އެމްޑީޕީގެ ކައުންސިލަރުން ހިމެނޭ ގއ. އަތޮޅު ކައުންސިލްގެ މެމްބަރުން އިންޑިޔާ ސަފީރާ ބައްދަލު ކުރެއްވީ ސަފީރު އެއަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައެވެ. އެލްޖީއޭއިން ގއ. އަތޮޅު ކަންސިލުގެ ޒިންމާދާރު ވެރިޔާއަށް އެޑްރެސްކޮށް މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ މި މައްސަލައިގައި ތިން މަސް ދުވަހަށް ސަސްޕެންޑް ކުރި އެ އަތޮޅު ކައުންސިލް މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައްވެސް ސަސްޕެންޝަނުގެ މުއްދަތުގައި ނުލިބޭނެ ކަމަށެވެ. އަދި އެ މުއްދަތުގައި ޚިދުމަތެއް ހޯދުމަށް ނޫން އެހެން އެއްވެސް ޙައިސިއްޔަތަކުން އެ ކައުންސިލަރުން ކައުންސިލް އިދާރާއަށް ވަޑައިގަތުންވެސް އެލްޖީއޭއިން ވަނީ މަނާ ކޮށްފައެވެ. އަދި ކައުންސިލް އިދާރާގެ އެއްވެސް ވަސީލަތެއް އެ ކައުންސިލަރުން ތިން މަސް ދުވަހުގެ މުއްދަތުގައި ބޭނުން ކުރުންވެސް ވަނީ މަނާ ކޮށްފައެވެ.

އެލްޖީއޭއިން ބުނެފައި ވަނީ މި ތިން މަސް ދުވަހު ކައުންސިލް އިދާރާ ހިންގަން ވާނީ އެލްޖީއޭގެ ލަފާގެ މަތިން ކައުންސިލްގެ ޒިންމާދާރުވެރިޔާ ކަމަށެވެ. އެހެންކަމުން އެ މުއްދަތުގައި އެއްވެސް ކައުންސިލަރަކަށް ކައުންސިލް ތަމްސީލު ކުރުންވެސް ވަނީ މަނާ ކޮށްފައެވެ.

ކައުންސިލް ތަކުން އެލްޖީއޭގެ ހުއްދަ ނެތި ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލު ކުރުން މަނާ ކުރީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖޭމްސް ޑޯރިސް ގދ. ތިނަދުއަށް ކުރެއްވި ދަތުރުފުޅެއްގައި ތިނަދޫ ކައުންސިލުން ޑޯރިސްއާއެކު ބޭއްވި ބައްދަލު ވުމަށް ފަހުއެވެ. އެލްޖީއޭއިން ބުނެފައި ވަނީ ބޭރުގެ ޑިޕްލޮމެޓުންނާއެކު ކައުންސިލް ތަކުން ބައްދަލު ކުރާނަމަ ހުއްދަ ނަގަންޖެހޭނީ އެލްޖީއޭ މެދުވެރިކޮށް ހޯމް މިނިސްޓްރީން ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.