މަންކީޕޮކްސް ރާއްޖެއަށް ވެސް އައުމަކީ އެކަށީގެންވާކަމެއް، އެކަމަކު ފެތުރުމުގެ ރިސްކު ކުޑަ: އެޗްޕީއޭ

މަންކީޕޮކްސް ރާއްޖެއަށް ވެސް އައުމަކީ އެކަށީގެންވާކަމެއް ކަމަށާއި ނަމަވެސް މަންކީޕޮކްސް ރާއްޖޭގައި ފެތުރުމުގެ ރިސްކު ކުޑަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެ އެޖެންސީން މިހެން ބުނީ ނެރުނު ނޫސް ބަޔާނެއްގައެވެ.

އެ ނޫސް ބަޔާނުގައި ބުނެފައިވަނީ ރާއްޖެއަށް ވެސް ކޭސްއެއް އައުމަކީ އެކަށީގެންވާކަމެއް ކަމަށާއި އާންމު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

މަންކީޕޮކްސްއާއި މިފަދަ އެހެނިހެން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން އަތްސާފުކުރުމާއި މާސްކްއެޅުމުން އަދި އެއްވެސް އަލާމާތެއް ހުރިނަމަ އެހެންމީހުންނާއި ބައްދަލުވެ، ގައިގޯޅިވެ ނޫޅުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

އެޗްޕީއޭ އިން ބުނީ މި މެއި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ރާއްޖެއިން އަދި އަވަށްޓެރި ޤައުމަކުން ވެސް މަންކީޕޮކްސް ކޭސް ފެނިފައިނުވާ ކަމަށާއި ގިނަ ޤައުމުތަކުން ބަލި އުޅޭތޯ ދެނެގަތުމަށް ކުރާ މަސައްކަތްތައް އިތުރުވުމާއެކު، އިތުރު ޤައުމުތަކުން ކޭސްތައް ފެނިދާނެކަމަށް ބެލެވޭ ކަމަށެވެ.

ބަލިޖެހިފައިވާ މީހަކާއެކު ގިނައިރު ކޮންޓެކްޓްވުމުން ފެތުރޭ ބައްޔަކަށް މަންކީޕޮކްސް ވާއިރު، މަންކީ ޕޮކްސްގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި ގައިގައި ރިއްސުމާއި ގޮށްލުމާއި ހަމުގައި ބިހި ނެގުން ހިމެނެއެވެ.

އެޗްޕީއޭ އިން ވަނީ މިފަދަ އަލާމާތްތައް ފެންނަ ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.