މި ސަރުކާރުން އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
"ނެޝަނަލް އެޗް.އާރު. ކޮންވެންޝަން އެންޑް އެކްޕޯ 2022" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މަތީ ތަޢުލީމަށް ސަރުކާރުން ފަހިކޮށްދެއްވަމުން ގެންދަވާ ހިލޭ އެހީތަކާއި ސްކޮލަރޝިޕްތަކާއި ލޯނުގެ ފުރުޞަތުތައް ފާހަގަކުރައްވާފައެވެ. އަދި ހަމައެކަނި ރަނގަޅު ފެންވަރުގެ ތަޢުލީމު ލިބުމުން ފުއްދާލެވެން ނެތްކަންފާހަގަކުރައްވައި ވަޒީފާގެ މާހައުލުގައި ޒުވާން މަސައްކަތްތެރިންނަށް ހިންގުންތެރިކަމާއި، ފަންނީ ހުނަރުތައް ކުރިއެރުވުމުގެ ފުރުސަތުތައް ފަހިވެފައި އޮތުމަކީ ވެސް އެހާމެ ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މުވައްޒަފުންނަށް ރައްކާތެރި އަދި ފަހި މާހައުލެއް ކަށަވަރުކޮށްދިނުމަށް ހުރިހާ ބައިވެރިންވެސް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނަވާފައެވެ. އަދި މަސައްކަތުގެ މައިދާނުގައި މަގު ދައްކައިދީ، މުވައްޒަފުންގެ ފުރިހަމަ ބޭނުން ހިފުމުން އެކަމުން މަގުފަހިވެގެންދާނީ ހަމައެކަނި އެ އިދާރާއެއްގެ ކާމިޔާބީ ނޫންކަމަށާއި އެ ކަމުން މުޅި ޤައުމަށް ވެސް މަންފާ ކުރާނެ ކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ
މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމް.އޭ.އެޗް.އާރް.ޕީ) އިން އިންތިޒާމުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޮންވެންޝަންގައި ރާއްޖޭގެ މަޝްހޫރު ތަޖުރިބާކާރުންނާއި އަދި ބައިނަލްއަޤްވާމީ ތަޖްރިކާރުން ބައިވެރިވާނެ އެވެ. ނޭޝަނަލް އެޗް.އާރު ކޮންވެންޝަން އެންޑް އެކްސްޕޯގެ މިއަހަރުގެ ޝިޢާރަކީ "ޓްރާންސްފޯމޭޝަން އެންޑް ކަލްޗަރ - ފިއުޗަރ އޮފް ހިއުމަން ކެޕިޓަލް" އެވެ.
އިދާރާއަކުން ކުރެވޭނެ އެންމެ ރަނގަޅު ހޭދައަކީ އެ ތަނެއްގެ މުވައްޒަފުންނަށް ކުރާ ހޭދަ ކަމަަށް ވެސް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ޢާންމުކޮށް މަސައްކަތްކުރާ ވައްޓަފާޅިއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިކަމަށާއި އަދި އެއާއެކު ވަރަށް އަގުހުރި ފިލާވަޅުތަކެއް ދަސްވެގެން ދިޔަކަން ފާހަގަކުރެއްވިއެވެ. އަދި މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންސާނީ ވަޞީލަތާ، ހުނަރުތައް ތަރައްޤީކުރުމާ ގުޅޭ ގޮތުން އީޖާދީ މަޝްވަރާތައް ކުރިޔަށްގެންދިއުމުގެ މުހިންމުކަން ކުރިޔަށްވުރެ މިހާރު މާބޮޑުކަން ފާހަގަކުރައްވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި މި ބަލިމަޑުކަމުގެ ސަބަބުން، އުފެއްދުންތެރިކަން ކުރިއެރުވުމަށް ކޮންމެ މުވައްޒަފަކު މޭޒުދޮށުގައި ތިބެންނުޖެހި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އެމަސައްކަތްތައް ކުރެވޭނެކަން އެނގިގެން ހިނގައްޖެކަން ފާހަގަ ކުރެއްވިއެވެ. ހަމައެހެންމެ ކޮވިޑްގެ ޙާލަތުން ޢާންމު ޙާލަތަކަށް ރުޖޫޢަވަމުންދާއިރު، މުވައްޒަފުންގެ ޖިސްމާނީ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ފަދައިން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ ވެސް އެހާމެ މުހިންމުކަން ދޭންޖެހޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.