މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރާތީ އެމްނެސްޓީ އިންޓަރނޭޝަލުން ކަންބޮޑުވެއްޖެ

މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރާތީ އެމްނެސްޓީ އިންޓަރނޭޝަލުން ކަންބޮޑުވެއްޖެއެވެ.

އެމްނެސްޓީން ނުރުހުން ފާޅުކޮށްފައި މިވަނީ ޕްރޮގްރެސިވް ކޯލިޝަނުން ސިލްސިލާކޮށް ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހިނގާލުން ރޫޅާލުމަށް ސިފައިންގެ މީހެއް މުޒާހަރާގެ ބައިވެރިއެއްގެ ފަހަތުން ދުވެފައިދާ ވީޑިއޯއެއް ޢާންމުވެފައިވާ ދަނޑިވަޅެއްގައެވެ.

އެމްނެސްޓީން ބުނީ ޚިޔާލުފާޅުކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުން އިތުރުވުން ކުށްވެރި ކުރާ ކަމަށެވެ. އަދި ރާއްޖޭގައި ސުލްހަވެރި މުޒާހަރާ ކުރާ ފަރާތްތަކާއި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ރިޕޯޓްތަކާއި އެކަމުގެ ތަސައްވުރުތައް ފެންނަމުންދާ ކަމަށެވެ.

މީގެ އިތުރުން "އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގާކަމަށް ބުނެ، ރާއްޖޭގައި މުޒާހަރާކުރުމުގެ ހައްގު ހަނިކޮށް، ދާދިފަހުން ނެރުނު ގަރާރަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެމްނެސްޓީން ވަނީ ބުނެފައެވެ.

"ސުލްހަވެރި ކަމާއެކު މުޒާހަރާ ކުރުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް އެއްވެސް ހުރަހެއް އެޅޭ ނަމަ، އެ ހައްގަކީ، ބޭނުންތެރި، އަދި ގާނޫނުން ލިބިދޭ ހައްގަކަށް ހެދުމަށް، ދިވެހި ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރަން. މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުން އިތުރުވުން ކުށްވެރި ކުރަން. އެކަން ވަގުތުން ވަގުތަށް އަދި އަދުލުވެރިކަމާ އެކު ތަހުގީގު ކުރަން ޖެހޭ." އެމްނެސްޓީން ބުންޏެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ސަރުކާރުން ކަނޑައަޅައި، ރައީސް އިބްރާހީމް މުހައްމަދު ސާލިހު ގަރާރެއް ނެރުއްވުމުން ވެސް އިދިކޮޅު ކޯލިޝަނުން އެ ހަރަކާތް ހިންގާތީ، އެ ހަރަކާތް ހުއްޓުވުމަށް ފުލުހުން ދަނީ ބާރުގެ ބޭނުން ކުރުމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.