ސްރީލަންކާގެ އިގްތިސާދީ ހާލަތުން އަރައިގަތުމަށް ހުރިހާ ސިޔާސީ ޕާޓީތަކުން އެއް މިސްރާބަކަށް މަސައްކަތް ކުރުމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ލަންކާގެ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އާ ބައްދަލުކުރައްވައި ކުރެވުނު މަޝްވަރާތަކުގައެވެ.
ސްރީލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތުގެ ސަބަބުން ބޭރު ފައިސާގެ ޢަދަދު މަދުވެ، ގޭހާއި ތެޔޮ ގަންނާނެ ފައިސާ ވަނީ ހުސްވެފައެވެ. އަދި އެކަމުގެ ސަބަބުން ޢާއްމުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާއިރު، ދުވާލުގެ ގިނަ ވަޤުތުތަކުގައި ކަރަންޓުގެ ޚިދުމަތް ލިބުން ވެސް ވަނީ ދަތިވެފައެވެ.
ސްރީލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތާމެދު ހިތްހަމަނުޖެހިފައިވާ ޢާއްމުންނާއި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަން ފެށުމުން މަހިންދަ ރާޖަޕަކްސަ ވަނީ ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާދެއްވައިފައެވެ. އަދި އެ މަޤާމަށް ރަނިލް ވިކްރަމަސިންހަ ވަނީ އައްޔަން ކުރައްވާފައެވެ.
ކޮވިޑް-19ގެ ސަބަބުން ސްރީލަންކާގެ ސަރަޙައްދީ ރޮނގު ގިނަ ދުވަސްތަކަކަށް ބަންދުކުރުމުންނާއި ޓެކްސް ނެގުން މަދުކުރުމުގެ ސަބަބުން އެ ޤައުމުގައި ބޭނުންކުރެވޭ ބޭރު ފައިސާގެ ޢަދަދު 50 މިލިޔަން އެމެރިކާ ޑޮލަރަށް މަދުވެފައިވާކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ސްރީލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތްތައް ކޯޑިނޭޓް ކުރައްވަން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުން އެކަން ޤަބޫލުފުޅުކުރައްވައި ސްރީލަންކާއިން ރައީސް ނަޝީދާއި ވަނީ ހަވާލު ކުރައްވާފައެވެ.