ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމަށް ކޮންޓްރެކްޓަރުން ޕްރީކޮލިފިކޭޝަން މަރުހަލާ ފަށައިފި

ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމަށް ކޮންޓްރެކްޓަރުން ޕްރީކޮލިފިކޭޝަން މަރުހަލާ ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރުމުގެ މަސައްކަތް ފެށީ އިންޑިއަން އެގްޒިމް ބެންކުގެ ފަރާތުން ކަމަށެވެ. އަދި މި މަޝްރޫގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށާނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު އެހީގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި ޕެސެންޖަރ ޓަރމިނަލް ތަރައްޤީ ކުރާނެ ކަމަށެވެ.

މީގެ އިތުރުން އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަރ ސްޓޭޝަނާއި އެއަރޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ކާގޯ ވަސީލަތްތައް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. އަދި އެއަރޕޯޓުގެ މަގުތައް ތަރައްގީކޮށް ޕާކިންގ ސަރަހައްދެއް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ވެސް އެއަރޕޯޓް ތަރައްގީ ކުރުމާ ގުޅޭ އެހެނިހެން ގިނަ ކަންތައްތަކެއް މި މަޝްރޫއުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.