ލަންކާއަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ރާއްޖެއިން ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭނެ: ރައީސުލްޖުމްހޫރިއްޔާ

ލަންކާއަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ރާއްޖެއިން ވެދެވެން އޮތް އެހީތެރިކަމެއް ކޮންމެ ގޮތަކަށްވެސް ފޯރުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސްރީލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެ ގައުމުން ހަވާލު ކުރުމުން އެކަމަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓުގައެވެ.

ރައީސްގެ ޓްވީޓުގައި ވިދާޅުވީ ރާއްޖެ އަބަދުވެސް އޮންނާނީ އަވައްޓެރި ލަންކާއެކުގައި ކަމަށެވެ.

"ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދަންނަވަން، ބައިނަލްއަގުވާމީ އެހީ ހޯދުމުގެ މަސައްކަތް ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ހަވާލުކުރުމުން، ރާއްޖެއިން އަބަދުވެސް ތެދުވާނީ ސްރީލަންކާގެ ރައްޔިތުންނާއެކު،" ރައީސް ސާލިހުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެ ގައުމަށް ބޭރު އެހީ ހޯދުމުގެ މަސައްކަތް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، ރައީސް ނަޝީދާ ހަވާލުކުރެއްވީ ރައީސް ނަޝީދު އެގޮތަށް އެދިވަޑައިގަތުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަން ހަސަން ޒިޔާއު މީޑިއާތަކަށް ވިދާޅުވީ ނަޝީދުގެ އެ ހުށަހެޅުން ބަލައިގަނެ ނަޝީދުގެ އިސްނެންގެވުމަށާއި އެއްބާރުލުމަށް ރަނިލް ޝުކުރު އަދާކުރައްވައިފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގައި ނަޝީދު ހުންނެވި އިރު، ރައީސް ނަޝީދު ވަނީ ވަރަށް ގިނައިން ސްރީލަންކާއަށް ވަޑައިގަންނަވާފައެވެ. އަދި އެގައުމުގައި ހުންނަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ސިޔާސީ މަސައްކަތް ވެސް ވަނީ ކުރައްވާފައެވެ.

މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ސަރުކާރާ ދެކޮޅަށް ވެސް އެމްޑީޕީން އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ސްރީލަންކާ ގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.