މީހުން ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއްދާއިރާ: ނައިބު ރައީސް

މީހުން ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއްދާއިރާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މިހާރު މަތީ ތަޢުލީމު ހާޞިލުކުރުމަށް މުޅި ރާއްޖޭގައި މީގެ ކުރިން ނެތް މިންވަރަށް ފުރުޞަތުތައް ހުޅުވާލެވިފައި އޮތްކަން ފާހަގަކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ތަޢުލީމު ހާޞިލުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މުޖްތަމަޢުގެ ތެރޭގައި ހަމަޖެހުން ޤާއިމުކޮށްދިނުމަށް އެ ލިބިފައިހުރި ޢިލްމެއްގެ ބޭނުންހިފައިގެން މުޖްތަމައުގެ އެހެންމީހުންނަށް ރަނގަޅު މަގުތައް ދައްކުވައިދިނުންކަމަށެވެ. ހަމައެހެންމެ އެމަނިކުފާނު ވަނީ މުޖުތަމަޢުގައި ހުރި ރަނގަޅުކުރަން ޖެހޭ އިޖްތިމާޢީ އެކިއެކި މައްސަލަތަކަށް އަލިއަޅުވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ކޮންމެ ކަމެއްގައި ވެސް ޕޮޒިޓިވް ވިސްނުން ގެންގުޅުމަށާއި ލޯތްބާއި އިޙްތިރާމާއެކު މީހުންނާއި މުއާމަލާތްކުރުމަށް އިސްކަންދިނުމުގެ މައްޗަށް ވެސް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.

މި ޙަފްލާގައި، ކުއްލިއްޔާ އޮފް އެޑިއުކޭޝަން އިން ބެޗްލަރ އޮފް ޓީޗިންގް ޤުރްއާނާއި މާސްޓަރ އޮފް ޓީޗިންގ އެންޑް ލާރނިންގ އިން ދަސްވެނިވެ ދަރަޖަ ޙާޞިލުކުރި ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. އަދި ކުއްލިއްޔާ އޮފް ޝަރިޢާ އެންޑް ލޯ އިން ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީ އިން ދަސްވެނިވެ ދަރަޖަ ޙާޞިލުކުރި ދަރިވަރަށް ސަނަދު ހަވާލުކޮށްދެއްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކޯސްތަކުން އެންމެމަތީ ވަނަތައް ޙާޞިލުކުރި ދަސްވެނީންނަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.