އެއްކެންޑިޑޭޓް ނެރޭނަމަ އެއީ ގާސިމް ކަމަށް ހަދަން ބޭނުން- ޖޭޕީ

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ހުރިހާ ފަރާތެއް ގުޅިގެން އެއްކެންޑިޑޭޓް ނެރޭނަމަ އެ ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ކަމަށް ހަދަން އެޕާޓީން ބޭނުން ކަމަށް ޖޭޕީގެ ނައިބު ލީޑަރ އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ކްނޫޒްގައި އޮތް ބައްދަލުވުމެއްގައި ރިޔާޒް ވިދާޅުވީ އިދިކޮޅުން އެއްކެންޑިޑޭޓް ނެރޭނަމަ އެބޭފުޅަކީ އެޕާޓީގެ ލީޑަރު ކަމަށް ހަދަން ޕާޓީގެ ހުރިހާ މެމްބަރުންވެސް ބޭނުންވާ ކަމަށާއި ނަމަވެސް ގާސިމްއަށް ކުރިމަތި ލެއްވޭގޮތް ނުވެއްޖެނަމަ ފަހަތަށް ޖެހިވަޑައިގަތުމުގެ ވިސްނުންފުޅު ގާސިމް ގެންގުޅުއްވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ އެއްކެންޑިޑޭޓް ނެރޭނަމަ ޖޭޕީގެ ވިސްނުމާއި ވިންދު ގާސިމްއަށް ހުރިއިރު އިއްތިހާދުގައި އޮތް އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީން ގެންގުޅޭ ވިސްނުމަށްވެސް އިޙްތިރާމް ކުރައްވާ ކަމަށެވެ. އެމްޑީޕީގެ ފަރާތުން ބޭނުންވާ ކަމަށް ހާމަކޮށްފައި ވަނީ އެޕާޓީގެ ރައީސް މުޙަންމަދު ނަޝީދެވެ.

ރިޔާޒް ވިދާޅުވީ އިދިކޮޅުން އެއްކެންޑިޑޭޓް ނެރުމުގައި ޖޭޕީ އާއި އެމްޑީޕީގެ ވިސްނުން ތަފާތު ވިޔަސް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި އެ އިއްތިހާދު އެކުގައި މަސައްކަތް ކުރާނެ ފޯމިއުލާއެއް ނެރޭނެ ކަމަށެވެ. އެގޮތުން އިއްތިހާދުގައި ހިމެނޭ ފަރާތްތަކުގެ ވިސްނުން އެއްކެންޑިޑޭޓް ނެރުމުގައި ތަފާތު ވުމަކީ މައްސަލައެއް ނޫން ކަމަށް ރިޔާޒް ވިދާޅުވިއެވެ.

އިދިކޮޅު އިއްތިހާދުގެ ތެރެއިން އެއްކެންޑިޑޭޓް ނެރުމަށް އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތުން ތާއީދު ކުރިނަމަވެސް ރައީސް މައުމޫންގެ ފަރާތްޕުޅުން އަދި އެކަމާމެދު ވަކިގޮތެއް ނުނިންމަވައެވެ. އަދާލަތުން ވެސް ދާދިފަހުން ބުނެފައި ވަނީ އެއްކެންޑިޑޭޓް ނުނެރެވިއްޖެނަމަ އެޕާޓީންވެސް ކެންޑިޑޭޓަކު ވަކިން ނެރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.