ވައިގެ މަގުން ބްރެޒިލް އިން ރާއްޖެއައި އެމެރިކާގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ 2022 މެއި 11 ވަނަ ދުވަހު ރާއްޖެއައި އެމެރިކާގެ ރައްޔިތަކާއި މެދު ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ.
މިގޮތުން، އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން (Cocaine)އަށް ވަނީ ޕޮޒިޓިވް ވެފައެވެ.
މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.064 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 10,000,000.00 (ދިހަ މިލިއަން) ރުފިޔާއަށް އަރައެވެ. މިމައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކޮށްފައެވެ.