ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ 50 ޓަނުގެ ކަދުރު ބަހަން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ލިބިފައިވާ 25 ހާސް ޕެކެޓު ކަދުރު ހޯމަދުވަހުން ފެށިގެން ބަހަން ފަށާފައިވާ ކަމަށާއި މާލެ ސިޓީއާއި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއާއި ކުޅުދުއްފުށި ސިޓީ އަދި އަތޮޅުތަކުގެ ރަސްތަކަށް ކަދުރު ބަހާނީ، މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޟިރުވާ ތަރުތީބުން ކަމަށެވެ.
މި އަހަރު ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް އެއް ޕަކެޓް ކަދުރު ދޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު ލިބުނު ކަދުރު ފަގީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕެކެޓް ކަދުރު ކަމަށާއި ގޭބިސީތަކަށް ކަދުރު ބަހާނީ، ކަދުރާ ހަވާލުވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހު ކަމަށެވެ. މިގޮތުން، ކަދުރު ބެހުމުގައި ފަގީރުންނަށް އިސްކަންދީގެން ކަދުރު ހަވާލުކުރެއްވުމަށް ދަންނަވާކަމަށް ވެސް ބުނެފައިވެއެވެ.
“މިގޮތުން މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ އިސްލާމިކް އެފެއާޒް މެދުވެރިކޮށް އިސްލާމީ މަރުކަޒުގައެވެ. އަދި ރަށްރަށަށް ނުވަތަ އަތޮޅުތެރެއަށް ކަދުރު ބަހާނީ، އަތޮޅު ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ. ” މިނިސްޓްރީން ބުނެފައިވެއެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ކަދުރާ ހަވާލުވުމަށް ކައުންސިލްތަކުންނާއި، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ރައްޔިތުން ސަރުކާރު ރަސްމީ ދުވަސްތަކުގައި ހެނދުނު 8:45 އިން 14:00 އަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ވަޑައިގެންނެވުމަށް ދަންނަވާކަމަށާއި މިގޮތުން ކަދުރު ބަހާނީ 2022 މެއި 16 ވަނަ ދުވަހުން ފެށިގެން 2022 މެއި 31 ވާ އަންގާރަދުވަހުގެ 13:00 އާއި ހަމައަށް ކަމަށެވެ.