ސްރީލަންކާގެ ރައީސު ގޮތާބޭ ރާޖަޕަކްސާގެ އިތުބާރު ނެތްކަމަށް ފާސްކުރަން އެގައުމުގެ އިދިކޮޅު ޕާޓީތަކުން ގާނޫނުހަދާ މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސް ކުރިއަށް ގެންދަން އެ މަޖިލީހުން ފާސްނުވިއެވެ.
ގާނޫނުހަދާމަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަގައި ނެގި ވޯޓު ރައީސަށް ތާއިދުކުރާާ ފަރާތްތަކުން ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެެވެ.
ގާނޫނުހަދާ މަޖިލީހުގައި ތާވަލުކުރެވިފައިވާ މަސައްކަތްތައް މެދުކަނޑާލައި، ރައީސު ގޮތާބޭ ރާޖަޕަކްސާއާ މެދު ހިތްހަމަނުޖެހޭކަން ހާމަކުރުމުގެ މައްސަލައެއް އިދިކޮޅު ޓެމިލް ނޭޝަނަލް އެލަޔަންސް ޕާޓީގެ މެންބަރު އެމް އޭ ސުމަންތިރަން ހުށަހެޅުއްވުމުން 119 މެންބަރަކު ވަނީ އެ މައްސަލައާ ދެކޮޅަށް ވޯޓުދެއްވާފައެވެ. މައްސަލައާ އެއްކޮޅަށް ވޯޓުދެއްވީ 68 މެންބަރުންނެވެ.
މިއަދުގެ މައްސަލައިން އިދިކޮޅު ޕާޓީތަކުން ދައްކަން ބޭނުންވީ އާއްމު ރައްޔިތުންގެ މެދުގައި ރައީސު ގޮތާބޭއާމެދު އޮތް ހިތްހަމަނުޖެހުން ގާނޫނުހަދާ މަޖިލީހުގެ ތެރޭގައިވެސް އޮތްކަމެވެ. މައި އިދިކޮޅު ޕާޓީ ސަމާގީ ޖަނަ ބަލަވެގަޔާ (އެސްޖޭބީ) އިން ވަނީ މިމައްސަލައަށް ތާއީދުކޮށްފައެވެ. ގާނޫނުހަދާ މަޖިލީހުގައ އެ ޕާޓީ ތަމްސީލުކުރައްވާ މެންބަރެއް ކަމުގައިވާ ހަރްޝާ ޑިސިލްވާ ވިދާޅުވިގޮތުގައި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވޯޓުދެއްވާފައި ވަނީ އެ މައްސަލައާ ދެކޮޅަށެވެ.
އާ ބޮޑުވަޒީރަކު އައްޔަންކުރުމަށްފަހު ބޭއްވި ގާނޫނުހަދާ މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް މިއަދު މައްސަލަ ހުށަހެޅުއްވި މެންބަރު ސުމަންތިރަން ބޭނުންފުޅުވީ މަޖިލީހުގެ އާއްމު މަސައްކަތްތައް ހުއްޓާލައި، އިތުބާރުނެތްކަމުގެ މައްސަލަ ބަހުސްކުރުމަށެވެ. އެެހެންކަމުން މަޖިލީހުގެ ރައީސު ނިންމެވީ އެގޮަތަށް ކުރިއަށްދާން ފެނޭތޯ ވޯޓަށް އެހުމަށެވެ. އަދި ވޯޓުގައި ބައިވެރިވެވަޑައިގަތް މެންބަރުން ނިންމެވީ އާއްމު މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ. މިއާއެކު، އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު އިދިކޮޅު ޕާޓީތަކަށް ގެއްލިގެން ދިޔައީއެވެ.
މިއަދުގެ ޖަލްސާގައި އިދިކޮޅު ޕާޓީތަކަށް އެހެން ނާކާމިޔާބީއެއްވެސް ވަނީ ކުރިމަތިވެފައެވެ. މަޖިލީހުގެ ނާއިބު ރައީސު (ޑެޕިއުޓީ ސްޕީކާ) އަކަށް ހުންނެވި ރަންޖީތު ސިޔާމަބަލަޕިޓިޔާ އިސްތިއުފާދެއްވާފައިވާތީ އެ މަގާމަށް މެންބަރަކު ހޮވުމަށް ނެގި ވޯޓު ވެރިކަންކުރާ ސްރީލަން ޕޮދުޖަނަ ޕެރުމޫނާ (އެސްއެލްޕީޕީ) ގެ ކެންޑިޑޭޓް އަޖިތު ރާޖަޕަކްޝާ (ރައީސު ގޮތާބޭ ރާޖަޕަކްސާގެ އާއިލާގެ ބޭފުޅެއް ނޫން) ވަނީ ފަސޭހަކަމާއެކު ކާމިޔާބުކުރައްވާފައެވެ. އޭނާ 109 ވޯޓު ހޯއްދެވިއިރު އިދިކޮޅު އެސްޖޭބީގެ ކެންޑިޑޭޓް ރޯހިނީ ކަވިރަތުނާއަށް ލިބިވަޑައިގަތީ 78 ވޯޓެވެ.
ގާނޫނުހަދާ މަޖިލީހަގައި ތިއްބަވާ ރާޖަޕަކްްސާ އައިލާގެ މެންބަރުންގެ ތެރޭން ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާާއާއި އޭނާގެ ދަރިކަލުން ނަމަލް ރާޖަޕަކްސާ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފައި ނުވާއިރު، މަހިންދަ ރާޖަޕަކްސާއަށް ބޮޑުބޭބެ ވިދާޅުވާ ޝަޝީންދްރަ ރާޖަޕަކްސާ މިއަދުގެ ޖަލްސާގައި އިންނެވިއެވެ.