ތިމާވެށި ހިމާޔަތް ކުރަން ބޭނުންނަމަ ފިނިހަކަ ސްޕީޑުގައި މަޝްރޫއަކަށްފަހު މަޝްރޫއެއްގެ ފަންޑިންގ ހޯދަން މަސައްކަތްކޮށްގެން އެކަން ނުކުރެވޭނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްލޮނޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ގްލަސްގޯ-ޝާމް އެލް-ޝެއިޚް ވޯކް ޕްރޮގްރާމް އޮން ދަ ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން (ޖީޖީއޭ) އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ގްރީން ކްލައިމެޓް ފަންޑް ފަދަ ފަންޑުތަކުން އެހީތެރިކަން ހޯދުމަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަން ފާހަގަ ކުރައްވާފައެވެ.
މިނިސްޓަރު ޝައުނާ ވިދާޅުވީ އެފަދަ ފަންޑުތަކުން ފައިސާ ލިބުމަށް ގިނަ އަހަރުތަކެއް ނަގާ ކަމަށާއި ފައިސާ ލިބެނީ ތިމާވެށި ހިމާޔަތް ކުރުމަށް މަޝްރޫއު ހިންގަންވާ ވަގުތު ފާއިތުވުމުން ކަމަށެވެ. އަދި އެފަދަ ފަންޑުތަކުން އެދެނީ ހިންގަން ބޭނުންވާ މަޝްރޫއަކާ ގުޅޭ ގިނަ ޑޭޓާ ހިއްސާ ކުރުމަށް ކަމަށާއި ތަރައްގީވަމުން އަންނަ ގައުމުތަކަށް އެގޮތަށް ގިނަ ޑޭޓާ ހޯދާ ހިއްސާ ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން އެންމެ ފަހުން ރާއްޖެއިން ހުށަހެޅި މަޝްރޫއަށް 30 އަހަރުގެ ޑޭޓާ ހޯދުމަށް ގްރީން ކްލައިމެޓް ފަންޑުން އެދުނުކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ޑޭޓަ ހޯދުމަށް އަހަރު ދުވަހާއި އެއް މިލިއަން ޑޮލަރު ހޭދަވި ކަމަށެވެ. އަދި އެއީ ޑޭޓަ ހޯދުމަށް ހޭދަ ކުރުމުގެ ބަދަލުގައި ތިމާވެށި ހިމާޔަތް ކުރުމަށް އަމިއްލައަށް އިންވެސްޓް ކުރެވިދާނެ ވަގުތާއި ފައިސާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
" ތިމާވެށި ހިމާޔަތް ކުރުމަށް ބޭނުންވާ ފަންޑިންގ މިހާރަށްވުރެ ފަސޭހައިން ލިބޭނެގޮތް ހަމަޖައްސާ ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކަށް އެ ފައިސާ ލިބޭނެ މަގު ހަމަޖެއްސުމަށް ގޮވާލަން. އެގޮތުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ ބަޖެޓަށް ސީދާ ގޮތުން އެ ފައިސާ ވައްދާ އެ ބޭނުންކުރާނެ ގޮތް ގައުމުތަކަށް ދޫކޮށްލަން ޖެހޭ. އެކަން ކުރުމަށް އާ އީޖާދީ ވިސްނުން ބޭނުންވޭ. އެއީ ކުރަން މުހިންމު ކަމެއް. އަދި ތިމާވެށި ހިމާޔަތް ކުރަން ބޭނުންނަމަ ފިނިހަކަ ސްޕީޑުގައި މަޝްރޫއަކަށްފަހު މަޝްރޫއެއްގެ ފަންޑިންގ ހޯދަން މަސައްކަތްކޮށްގެން އެކަން ނުކުރެވޭނެ." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް ރާއްޖެއަށް ފަންޑިންގ ބޭނުންވާކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ ރާއްޖެއަށް 8 ބިލިއަން ޑޮލަރާ ގާތްކުރާ ވަރަށް ފަންޑިންގ ބޭނުންވާ ކަމަށެވެ. ނަމަވެސް އެއާ ގާތަށް ވެސް ފަންޑް ރެއިޒް ކުރެވިފައި ނުވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ތިމާވެށި ހިމާޔަތްކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމުގެ ވާހަކަ ދައްކާއިރު ޖައްވަށް ބޭރުކުރާ ވިހަ ގޭހާ މެދު ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ. އަދި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ އަދަދު މަދު ނުކުރެވޭ ނަމަ ތިމާވެށި ހިމާޔަތް ކުރުމަށް ކުރަން ޖެހޭ ޚަރަދު ދާނީ ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުން ކަމަށާއި އެކަމަށް ސަމާލުވެގެން ނޫނީ ތިމާވެށި ހިމާޔަތް ނުކުރެވޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.