މިނިސްޓްރީ އޮފް ފިނޭންސްގެ ޕަރމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން، އެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ އަޙްމަދު ސިރާޖް (ވ. ސިނަމާލެ 4 04-2، މާލެ) އެވެ.
މަޤާމުގެ ލިޔުން ޙަވާލުކުރުމަށް ފިނޭންސް މިނިސްޓްރީ ގައި ބޭއްވި ރަސްމިއްޔާތު ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ޝަރަފުވެރިކޮށް ދެއްވިއިރު، މި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ އިސްވެރިންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަދި މެންބަރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އަޙްމަދު ސިރާޖަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސަދަރން ކުއީންސްލަންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި ޔޫ.ކޭގެ ޔުނިވަރސިޓީ އޮފް ސަންޑަރލަންޑުން ބެޗަލަރ އޮފް ބިޒްނަސް މެނޭޖްމަންޓް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.
ޕީއެޗްޑީ އިން އިކޮނޮމިކްސް އެންޑް މުޢާމަލާތު އެޑްމިނިސްޓްރޭޝަނަށް މިހާރު މަސައްކަތް ކުރައްވަމުންގެންދަވާ ސިރާޖް، އެންމެ ފުރަތަމަ ސަރުކާރާ ގުޅިވަޑައިގަތީ 2000 ވަނަ އަހަރު މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓުގެ، ޑާޓާ އެންޓްރީ އޮފިސަރެއްގެ މަޤާމަށެވެ.
މަތީ ތަޢުލީމު ޙާޞިލުކުރެއްވުމަށްފަހު 2012 ވަނަ އަހަރު އަލުން ސަރުކާރާ ގުޅިވަޑައިގެން މިނިސްޓްރީ އޮފް ފިނޭންސްގެ ޕަބްލިކް އެންޓަރޕްރައިޒަސް އިވެލުއޭޝަން އެންޑް މޮނިޓަރިންގ ޑިވިޜަންގެ އެސިސްޓަންޓް ޑިރެކްޓަރެއްގެ މަޤާމު އަދާކުރެވުމަށްފަހު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު އެކުލަވާލުމާއެކު 2022 އޭޕްރީލް 27 އާ ހަމައަށް އަދާކުރައްވަމުން ގެންދެވީ އެ ބޯޑުގެ ސެކެރެޓަރީ ޖެނެރަލްކަމުގެ މަޤާމެވެ. މި މަޤާމުގައި ހުންނެވި އިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޯޕަރޭޓް ގަވަރނަންސް ކޯޑު އެކުލަވާލުމުގެ އެއް މޭސްތިރިއަކީ ސިރާޖެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ޚަރުދަނާކުރުމަށް، ހިންގުމުގެ ޤަވާއިދުތައް އެކުލަވާލުމާއި، މާލީ ޖަވާބުދާރީވުމުގެ ނިޒާމުތައް ހަރުދަނާކުރުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.
މީގެ އިތުރުންވެސް ސިރާޖު ވަނީ ދަޢުލަތުގެ ތަފާތު ގިނަ އިދާރާތަކުގައި، ހިންގުމުގެ މަސްޢޫލިއްޔަތު އަދާކުރައްވާފައެވެ. އޭގެ ތެރޭގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އަދި ހަޒާނާ މޯލްޑިވްސްގައި ބޯޑު މެންބަރެއްގެ ހައިސިއްޔަތުންވެސް މަސައްކަތް ކުރައްވާފައިވެއެވެ. ހުސްވަގުތު ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރެއްވުމުގައި އެކި ކޮލެޖް ޔުނިވަރސިޓީ ތަކަށް ކިޔަވާދެއްވުމުގެ އިތުރުން ސިރާޖަކީ، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ކައުންސިލް މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.