ދިވެހި ޚާރިޖިއްޔާގައި މިންތީގެ ހަމަހަމަކަން ވަނީ ގާއިމްކުރެވިފަ: ޢަބްދުﷲ ޝާހިދު

ފޮޓޯ: ރައީސް އޮފީސް

ދިވެހި ޚާރިޖިއްޔާގައި މިންތީގެ ހަމަހަމަކަން ގާއިމްކުރެވިފައިވާކަން ފަޚުރުވެރިކަމާއެކު ފާހަގަކުރައްވާކަމަށް ރާއްޖޭގެ ފޮރިން މިނސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު ތަންފީޒުކުރަން ފަށާދުވަހުގެ މުނާސަބާގައި ނެރުއްވި ބަޔާނުގައެވެ.

އެ ބަޔާނުގައި ވިދާޅުވެފައިވަނީ މިއަދަކީ ދިވެހިރާއްޖޭގެ ޚާރިޖީ ދާއިރާގެ މުވައްޒަފުންގެ ވަރަށް ބޮޑު އުއްމީދެއް ހަޤީޤަތަކަށް ވެގެން ދާ ދުވަހެއް ކަމަށެވެ.

"މި އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. މިއަދު ތަންފީޒުކުރަން މި ފަށާ ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނަކީ ޚާރިޖީ ސިޔާސަތު ހިންގުން ހަރުދަނާކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވަރުގެ ނަތީޖާއެކެވެ. ދިވެހި ޚާރިޖިއްޔާގެ އެންމެހާ މުވައްޒަފުންނަށް މި ތާރީޚީ ދުވަހުގެ ތަހުނިޔާ އާއި މުބާރިކްބާދީ ދަންނަވެމެވެ." ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ވަކިން އެކުލަވާލެވިފައި އޮންނަ ފޮރިން ސަރވިސްއެއް، އެއީ ވަރަށް ގިނަ މުވައްޒަފުން ވަރަށް ދިގު މުއްދަތަކަށް ދެކެމުން އައި ހުވަފެނެއް ކަމަށާއި މިހުވަފެން ހަގީގަތަކަށް ހެދުމުގެ ދިގު ރާސްތާގައި މަސައްކަތްކުރައްވާފައިވާ އެންމެހާ ބޭފުޅުންގެ ހަނދާން އައުކޮށް އެ އެންމެ ބޭފުޅުންގެ މަސައްކަތްޕުޅުތައް ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް ޝާހިދުގެ ބަޔާނުގައި ވިދާޅުވެފައެވެ.

މިގޮތުން ރާއްޖޭގެ ޚާރިޖއްޔާގެ މަސައްކަތަކީ ވަކި ސަރވިސްއެއްގެ ދަށުން ހިނގާ މަސައްކަތެއްގެ ގޮތުގައި އިންތިޒާމު ކުރެއްވުމުގެ ތަޞައްވަރު އެންމެ ފުރަތަމަ ގެންގުޅުއްވި ދިވެހި ޚާރިޖިއްޔާގައި އެންމެ ގިނަ ދުވަހު ވަރަށް އަގު ހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޚާރިޖީ ވަޒީރު އަލްއުސްތާޛް ފަތުޙުﷲ ޖަމީލު (ނ.ޢ.ޢ.ވ) ގެ ނަންފުޅު ޝާހިދު ވަނީ ޚާއްސަކޮށް ފާހަގަކުރައްވާފައެވެ.

"ޝައްކެތް ނެތްގޮތުގައި ވަކި ޚިދުމަތެއްގެ ގޮތުގައި ފޮރިން ސަރވިސްއެއް ޤާއިމްކުރެވުމުން އަޅުގަނޑުމެންގެ މަސައްކަތްތައް އިތުރަށްހަލުވިވެ، ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. ދިވެހިރާއްޖޭގެ ފޮރިން ސަރވިސް އަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެންމެ ކުރީ ސަފުގައި އަބަދުވެސް ތިބެންޖެހޭނެ ބައެކެވެ. ފަސްޓް ލައިން އޮފް ޑިފެންސް އެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ އެންމެ އިސް ވާޖިބަކީ ދިވެހިރާއްޖޭގެ ސަރަހައްދުގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ޤައުމީ ސިޔާސަތަށް އިޙުތިރާމު ކުރުން އިތުރުކުރުމާއެކު ދިވެހިރާއްޖޭން ބައިނަލްއަޤްވާމީ މުޖުތަމަޢަށް އަދާކުރަން ޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރުމުގައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިޔާސަތު ތަންފީޒުކުރުމެވެ." ޢަބްދުﷲ ޝާހިދުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މި މަތިވެރި މަސައްކަތުގައި ދިވެހި ޚާރިޖިއްޔާއިން ދެގޮތެއް ނުވެ އިޚްލާސްތެރިކަމާއެކު ޚިދުމަތްކުރުމުގައި ދެމިތިބެންޖެހޭނެ ކަމަށާއި ދިވެހި ފޮރިން ސަރވިސްއިން މިއަދު ދެކެމުން މިދަނީ ދިވެހި ޚާރިޖިއްޔާގެ 128 އަހަރުގެ ހަޔާތުގައި ކުރިން ނުދެކޭ ފަދަ ކާމިޔާބު ދުވަސްތަކެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

މިގޮތުން، އ.ދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ ހޮވިގެން ދިއުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް މިހާތަނަށް ލިބިފައި ވާ ބޮޑު ކާމިޔާބީއެއް ކަމަށާއި މި ކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމާއި ދިވެހި ޚާރިޖިއްޔާގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތުގެ ފޮނި ނަތީޖާކަން ފާހަގަކުރައްވާފައިވެއެވެ. އަދި ޚާރިޖީ ދާއިރާގެ ގާބިލްކަމާއި ހުނަރުވެރިކަން އިތުރުކުރުމުގެ ގޮތުން މުވައްޒަފުން ބިނާކުރުމަށް އަބަދުވެސް އިސްކަމެއްދޭކަން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

1983 ގައި މިނިސްޓަރ ޝާހިދު ފޮރިން މިނިސްޓްރީގައި މަސައްކަތްފެއްޓެވިއިރު، އެ މިނިސްޓްރީގައި މަތީ ތަޢުލީމު ޙާސިލުކުރައްވައިގެން ތިއްބެވީ އެންމެ ތިން ބޭފުޅުން ކަމަށާއި ނަމަވެސް، މިއަދު އެ މިނިސްޓްރީގައި މަތީ ތަޢުލީމް ހާޞިލްކުރައްވައިގެން ތިއްބެވި 79 މުވައްޒަފުން ތިއްބެވިކަން ވަނީ ފާހަގަ ކުރައްވާފައެވެ.

މިއީ، މިނިސްޓްރީގެ ކެރިއަރ އޮފިސަރުންގެ ގޮތުގައި ޚިދުމަތްކުރައްވަމުންގެންދަވާ މުވައްޒަފުންގެ 64 އިންސައްތަ ކަމަށާއި މިއަދު ދިވެހި ފޮރިން ސަރވިސްގެ ޤާނޫނު ތަންފީޒުކުރަންފަށާއިރު

އެންމެހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއި އިންސާފުވެރިކަން ގާއިމުވެ ކޮންމެ މުވައްޒަފަކަށް ވެސް އެމުވައްޒަފެއްގެ ހިންމަތާ މިންނަތް މަސައްކަތުން ޚާރިޖީ ދާއިރާގެ އެންމެ މަތީ ހަރުފަތަށް ދިއުމުގެ ފުރުސަތު ހުޅުވިގެންދިއުމަކީ ދިވެހި ފޮރިން ސަރވިސްގެ އެންމެ މުހިންމު އެއް ސިފަކަން ވެސް މިނިސްޓަރ ޝާހިދު ވަނީ ފާހަފަ ކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.