ވަކި މީޑިއާއަކަށް ދައުވަތު ދީގެން މަޖިލީހަށް ގެންގޮސްގެން އެ ހިންގީ ކޮރަޕްޝަންގެ އަމަލެއް: ފިލްމީތަރި މުއާ

ވަކި މީޑިއާއަކަށް ދައުވަތު ދީގެން މަޖިލީހަށް ގެންގޮސްގެން އެ ހިންގީ ކޮރަޕްޝަންގެ އަމަލެއްކަމަށް ބުނެ ފިލްމީތަރި ޢަބްދުﷲ މުއާޒު (މުއާ) ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ފާޑު ވިދާޅުވެއްޖެއެވެ.

މުއާ ކޮށްފައިވާ ޓްވީޓެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލައްވާފައެވެ.

ނޭޝަނަލް ސެންޓަރ ފޯރ ދަ އާޓްސްގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރގެ މަޤާމު ވެސް އަދާކުރައްވަމުން ގެންދަވާ މުއާ މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ ވާދަވެރި އެތެރޭގެ އިންތިޚާބު އިއްޔެ ހިނގަމުން ދަނިކޮށް ރައީސް ނަޝީދު ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަރވިއުއަކާއި ގުޅިގެންނެވެ.

ރައީސް ނަޝިދު ދިވެހި ޗެނަލަށް ދެއްވި އެކްސްކުލޫސިވް އިންޓަރވިއުގައި ވިދާޅުވީ ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ޞާލިޙާއި އެކަމުގައި މަޝްވަރާ ކުރެއްވިކަމަށް ވިދާޅުވެ، ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު ރައީސް ޞާލިޙް ދޮގުކުރައްވާ ވިދާޅުވީ އެފަދަ އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށެވެ. އަދި 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ނުނިންމަވާ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީ މަޤާމު އަދާކުރުމަށްފަހު، މިސަރުކާރުގައި ވެސް ސިޔާސީ މަޤާމެއް އަދާކުރާތީ ގިނަބައެއްގެ ފާޑުކިޔުން އަންނަނީ މުއާ އަށް އަމާޒުވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.