އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރަކާ ހަވާލާދީ އެގައުމުގެ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި، ސަރުކާރުން އަސާސީ ކާބޯތަކެތީގެ އަގުބޮޑުކުރުމާ ގުޅިގެން ސަރުކާރާ ދެކޮޅަށް އެކި ރަށްެރަށުގައި ކުރިޔަށް ދިމަ މުޒާހަރާތަކުގައި އެކަކު މަރުވެއްޖެއެވެ.
ގައުމަށް ދިމާވެފައިވާ އިގުތިސާދީ ދަތިތަކަށް ލުޔެއް ހޯދުމަށް އަމާޒުކޮށް ރައީސު އިބްރާހީމް ރައީސީ ވަނީ ފާއިތުވި ހޯމަ ދުވަހުގެރޭ ބައެއް ފިޔަވަޅުތައް އިއުލާންކުރައްވާފައެވެ. އޭގެ ތެރޭގައި ސަރުކާރުން ސަބްސިޑީ ދިނުމުގެ އުސޫލަށް ބަދަލު ގެނައިމާއި، ކައްކާ ތެލާއި، އެއްގަމު މަހާއި، ކުކުޅުބިސް ފަދަ އަސާސީ ބައެއް ކާބޯތަކެތީގެ އަަގު ބޮޑުކުރުން ހިމެނެއެވެ. މި ފިޔަވަޅުތަކުގެ ސަަބަބުން ކައްކާ ތެލުގެ އަގު ހަތަރު ގުނަ ބޮޑުވެފައި ވާއިރު، ކުކުޅުބިހާއި، ކުކުޅު މަހުގެ އަގު ވަނީ ދެ ގުނަ ބޮޑުވެފައެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި އަންގާރަ ދުވަހުން ފެށިގެން އީރާނުގެ އެކި ކަންކޮޅުތަކުގައި އާއްމުން ނުކުމު ކުރި ވަކި ވަކި ކުދި މުޒާހަރަތައް ފުޅާވެ، ހުކުރު ދުވަހު ވަނީ އެގައުމުގެ ހަ ޕްރޮވިންސަކަށް ފެތުރިފައެވެ. މުޒާހަރާތަކުގެ މަންޒަރުތައް ފެންނަ ބައެއް ވީޑިޔޯވެސް ވަނީ މީސްމީޑިޔާގައި އާއްމުވެފައެވެ.
މި ވީޑީއޯތަކުގެ އިތުރަށް، ފާރިސީ ބަހުން ދުރަށް ފޮނުވާ ބައެއް ޓީވީ ޗެނަލްތަކުން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި ފުލުހުން ވަނީ މުޒާހަރާތަކުގެ ބައިވެރިން ގައިގައި މުގުރުން ތަޅައި، ކަރުނަ ގޭސް ޖަހައި، ވައިގެ ތެރެއަށް ބަޑިޖަހާފައެވެ.
އީރާނުގެ ރަސްމީ ޚަބަރުފަތުރާ ވަސީލަތްތަކުން ވަނީ މުޒާހަރާކުރި މީހުންނަކީ "ސަރުކާރާ ދެކޮޅަށް މީހުންނަށް ހިތްވަރުދޭ" މީހުންގެ ގޮތުގައި ސިފަކޮށްފައެވެ. އަދި މުޒާހަރާާގެ ބައިވެރިން ފިހާރަތަކުގައި ރޯކޮށް ހަދާފައި ވާއިރު، މި ހަަމަނުޖެހުންތަކުގައި 22 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
އެންމެ ހަމަނުޖެހުން ބޮޑުވި ޚޫޒިސްތާނު ޕްރޮވިންސުގައި ފިހާރަތަކުގައި ރޯކޮށްލުމުގެ އިތުރަށް ބައެެއް މިސްކިތްތަކުގައި ރޯކޮށްލާފައި ވާކަމަށްވެސް ޚަބަރު ލިބެއެވެ.
އަސާސީ ކާބޯތަކެތީގެ އަގު އުފުލާ ގުޅިގެން، އިތުރަށް ތަކެތީގެ އަގު އުފުލިދާނީ މީހުން ވަނީ އަސާސީ ކާބޯތަކެތީ ބާވަތްތައް އިތުރަށް ގަނެ ރައްކާކުރަން ފަށާފައެވެ. މިކަމުގެ ސަަބަބުން މިފަދަ ތަކެތި ވިއްކާ ފިހާރަތަކުގެ ބޭރުގައި ދިގު ކިޔުތަކެއް ވަނީ ހެދިފައެވެ.
އީރާނުގެ އިގުތިސާދީ ހާލަތު ގޯސްވެ، ރައްޔިތުންނަށް އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިފައި ވަނީ، އެމެރިކާ ސަރުކާރުން އީރާނަށް ދެކޮޅަށް އަޅާފައިވާ އިގުތިސާދީ ފިޔަވަޅުތައް 2018 ވަނަ އަހަރު ވަރުގަދަކުރުމާ ގުޅިގެންނެވެ. މީގެ ސަބަބުން އިންފްލޭޝަން ރޭޓް %40 އަށް އަރާފައި ވާއިރު، އީރާނު ރިޔާލުގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ.