އެމްޑީޕީ ޗެއަރޕަރސަންގެ ރޭސް ކާމިޔާބުކުރީ ރައީސް ސާލިހުގެ ފެކްޝަނުން

ރާއްޖޭގެ މިހާރުގެ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ ޗެއަރޕަރސަންގެ އިންތިޚާބު ރައީސް ސާލިހުގެ ފެކްޝަނުން ކާމިޔާބުކޮށްފިއެވެ.

އެ ޕާޓީގެ ޗެއަރޕަރސަންގެ އިންތިޚާބު ރައީސް ސާލިހުގެ ފެކްޝަނުން ކުރިމަތިލެއްވި މިހާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢިލް ކާމިޔާބު ކުރެއްވީ އިމްތިޔާޒު ފަހުމީ (އިންތި) އާ ވާދަކުރައްވައެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއާ ވާދަކުރައްވައި ފައްޔާޒު ބޮޑު ތަފާތަކުން އިންތިޚާބުގައި ކުރި ހޯއްދެވިއިރު، ގިނަ އަތޮޅުތަކާއި ބޮޑެތި ސިޓީތަކުގެ މެޖޯރިޓީ ވެސް ވަނީ ފައްޔާޒަށް ލިބިވަޑައިގެންފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ބެހެއްޓި 282 ވޯޓުފޮށި ގުނާ ނިމިފައިވާއިރު، އަށާވީސް ހާހަށްވުރެ ގިނަ ވޯޓު ފައްޔާޒަށް ލިބިވަޑައިގެންނެވިއެވެ. އަދި އިންތިއަށް ވިހި ހާހަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއެވެ.

ސިޔާސީ ޕާޓީއެއްގެ އެތެރޭގެ މިހައިތަނަށް ފެނުނު އެންމެވާދަވެރި އިންތިޚާބުގައި އެމްޑީޕީގެ ތެރޭގައި ރައީސް ސާލިހަށް ތާއީދުކުރައްވާ ބޭފުޅުންގެ ފެކްޝަނަކާއި ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންގެ ފެކްޝަނެއް އުފެދުނެވެ. އަދި ދެ ފެކްޝަނަށް ތާއީދުކުރައްވާ ފަރާތްތަކުގެ މެދުގައި ބަހުގެ ހޫނު ޙަމަލާތައް ވެސް ވަނީ ރައްދުކޮށްފައެވެ.

އިންތިހާބު ކާމިޔާބުކުރެއްވި ފައްޔާޒަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދު އޮތް ބޭފުޅެކެވެ. އިންތިއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު މުހައްމަދު ނަޝީދުގެ ތާއީދު އޮތް ބޭފުޅެކެވެ.

އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި 94،000 ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ވަނީ ލިބިފައެވެ.

މި އިންތިޚާބަށް ސަރުކާރުގެ ނުފޫޒު އޮތް ކަމަށާއި ހަތަރު ވޯޓު ފޮއްޓެއްގެ ނަތީޖާއަށް އަސަރުކުރާނެ ފަދަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ބުނެ، އިންތިގެ ކެމްޕެއިން ޓީމުން ވަނީ އިންތިޚާބުގެ ސައްހަ ކަމާމެދު ސުވާލު އުފައްދާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.