އެމްޑީޕީގެ ރިޔާސީ ރޭހުގައި ވާދަނުކުރާނެ ވާހަކަ އަކީ ދޮގެއް: ރައީސް ސާލިހު

އެމްޑީޕީގެ ރިޔާސީ ރޭހުގައި ވާދަނުކުރާނެ ވާހަކަ އަކީ ދޮގެއް ކަމަށާއި އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމާ ގުޅޭގޮތުން ރައީސް ނަޝީދާ އެއްވެސް މަޝްވަރާއެއް ނުހިނގާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 2023 ގެ ރިޔާސީ ރޭސް އަދި އެމްޑީޕީ ޕްރައިމަރީގައި ރައީސް ސާލިހް ވާދަ ނުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ވާހަކަތަކާ ގުޅޭގޮތުން ސަންގު ޓީވީ އާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އެމްޑީޕީގެ ޕްރައިމަރީގައި ނުވަތަ ރިޔާސީ ރޭހުގައި ވާދަނުކުރައްވަން އެއްވެސް އިރަކު ނުނިންމަވާ ކަމަށާއި އެފަދަ ވާހަކައެއް ރައީސް ނަޝީދު އަރިހު ދަންނަވާފައިނުވާނެކަމަށް ވެސް ރައީސް ސޯލިހާ ހަވާލާދީ ސަންގުން ވަނީ ބުނެފައެވެ.

ދިވެހި ޗެނަލްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ކޮބައިކަން ނިންމަންވާނީ އެމްޑީޕީގެ މެންބަރުން ކަމަށެވެ.

"އެ މެންބަރުން ނިންމަވާ ގޮތެއްގެ މައްޗަށް އަޅުގަނޑުމެން އެންމެން ވެސް އެއްބަސްވާން ވާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ނޫން އެހެން ބޭފުޅުންވެސް ރިޔާސީ ރޭހުގެ ތެރެއަށް ނުކުތުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށާއި ރައީސް ސާލިހު އެރޭހަށް ނިކުންނަވާނެ ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއަށް އަދިވެސް އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ނަޝީދު މިފަހަރު ވެސް ވަނީ ތަކުރާރު ކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.