ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކްރީޓް ސަޕްލައިކުރުން އެސްޓީއޯ އާ ޙަވާލުކޮށްފި

ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކުރީޓް ސަޕްލައި ކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯ އާ ޙަވާލުކޮށް ފަހުމުނާމައިގާ ސޮއި ކޮށްފިއެވެ.

މިކަމަށްޓަކައި އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން މި ފަހުމުނާމައިގާ ސޮއި ކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު މުހައްމަދު ރަޝާދު އެވެ. އާއި އިންޑިއާގެ އެފްކޮން އިންފްރާސްރަކްޗަރ ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޕްރޮޖެކް މެނޭޖަރ ވީ. މަދުސްދަނަން އެވެ.

އެއްއަހަރު ދުވަހަށް ސޮއި ކުރި މިއެގްރީމަންޓްގެ ދަށުން 7500 ކިއުބިކް މީޓަރގެ ރެޑީމިކްސް ކޮންކުރީޓް ގަތުމަށް އެފްކޮންއިން ވަނީ އެއްބަސްވެފައެވެ.

އެސްޓީއޯ އިން ބުނީ މިޕްރޮޖެކްޓަށް ކޮންކްރީޓް ސަޕްލައި ކުރުމަށް ވޭތުވެދިޔަ ފަސް މަސްދުވަހުގެ ތެރޭގައި މިކަމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށެވެ.

"ސަޕްލައިކުރާ ކޮންކްރީޓަކީ ހައި ސްޓްރެންތު ކޮންކުރީޓަށް ވުމާއިއެކު އެކަމަށް ބޭނުންވާ އިތުރު ވަސީލަތްތައް އެސްޓީއޯގެ ރެޑީމިކްސް ޕްލާންޓުގައި މިހާރުވަނީ ގާއިމް ކޮށްފަ. ރާއްޖޭގައި ހިންގޭ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މި ޕްރޮޖެކްޓަށް ކޮންކްރީޓް ސަޕްލައި ކުރުމަށް އެސްޓީއޯއަށް ފުރުސަތު ލިބިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް." އެސްޓީއޯއިން ބުންޏެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް އިންޑިއާގެ އެފްކޮން ކުންފުންޏާ ޙަވާލުކޮށްފައިވަނީ މިދިޔަ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާނެއެވެ.

6.7 ކިލޯ މީޓަރު ދިގު މި ލިންކްގެ، ދެރަށް ދޭތެރޭ ކަނޑުގައި ދަށުން އުޅަނދުފަހަރަށް ދަތުރުކުރެވޭ ގޮތަށް   140 މީޓަރުގެ ބުރިޖު އަޅައި، ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހެދުމަށް ވަނީ ނިންމާފައެވެ.

500 މިލިއަން ޑޮލަރު ނުވަތަ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓާއެކުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.