ފިޠުރު ޢީދު ދުވަހުގެ މާރާމާރީއާ ގުޅިގެން ހޯދަން އިޢުލާންކުރި މީހުންގެ ތެރެއިން އިތުރު މީހަކު ހައްޔަރުކޮށްފި

މިއަހަރުގެ ފިޠުރު ޢީދު ދުވަހުގެ މާރާމާރީއާ ގުޅިގެން ހޯދަން އިޢުލާންކުރި މީހުންގެ ތެރެއިން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފޮޓޯ އާއްމުކުރި މީހުންގެ ތެރެއިން އެންމެފަހުން ހައްޔަރުކޮށްފައިވަނީ އަހްމަދު ނާޒިހު (27އ)، ކެނެރީގެ، ގއ. ގެމަނަފުއްޓެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައެވެ.

ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ފުލުހުން އެދުނުނަމަވެސް 15 ދުވަހަށް ބަންދުކުރީ، އޭނާ އާއި ވަކީލަށް ބައްދަލުނުވެވޭތީ، ދެ ފަރާތުން ބައްދަލުކުރުމަށް ފަހު ބަންދާމެދު ގޮތެއް ނިންމަން އެދިފައިވާތީއެވެ.

ނާޒިހު ބަންދުކުރި ކޯޓު އަމުރުގައި ތުހުމަތެއް ވުޖޫދުވާ މިންވަރަށް އޭނާއާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށާއި އެގޮތުން ތޫނު އެއްޗަކުން ބަޔަކަށް ހަމަލާދީ ޒަޚަމްކޮށްލުމުގައި އޭނާ ބައިވެރިވެފައިވާކަން، ހެކިންގެ ބަޔާނުންނާއި ސީސީޓީވީ ފުޓެޖުތަކުގެ ސްނެޕްޝޮޓްތަކުން އެނގޭ ކަމަށް ބުނެފައިވެއެވެ.

އެ މާރާމާރީ އާ ގުޅިގެން ފުލުހުން މީގެ ކުރިން ހައްޔަރުކޮށްފައިވަނީ، ތ. ތިމަރަފުށީ ސީނުގެ އަހުމަދު ޝިމްހާޒު އާއި މ. ލޮނުމިދިލިގެ ލޫތު އަހުމަދު އާސިފެވެ.

ފޮޓޯ އާއްމުކުރި މީހުންގެ ތެރެއިން މިހާތަނަށް ހޯދިފައި ނުވާ މީހުން

  • ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، މައުސޫމް މުހައްމަދުދީދީ (27އ)
  • ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަހުމަދު ރަބީއު (24އ)
  • ސ. ހުޅުދޫ/ ނާދީ، މުނާދު ޖައުފަރު (20އ)
  • ސ. މަރަދޫ/ ކޮރަލް، އަހުމަދު ސާތިއު (21އ)

ފިތުރު އީދު ދުވަހު މާލޭގައި ދެ މާރާމާރީއެއް ވަނީ ހިންގާފައެވެ. ފުރަތަމަ މާރާމާރީ މާފަންނު ކޯރުކެނޑިމަގު، މާވެޔޮ މިސްކިތް ކައިރީގައި އެދުވަހުގެ ފަތިހު ހިންގިއިރު، އެ މާރާމާރީގައި 23 އަހަރުގެ ދިވެހި ދެ ފިރިހެނުން ވަނީ ޒަޚަމްކޮށްލާފައެވެ.

ދެވަނަ މާރާމާރީ ހިންގާފައިވަނީ ހެންވޭރު އަސްރަފީ މަގުގައި އެދުވަހުގެ ހެނދުނެވެ. އެ މާރާމާރީގައިވެސް ދެ ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފައެވެ.

ފުލުހުން މީގެ ކުރިން ބުނީ، އަސްރަފީ މަގުގައި ހިންގި މާރާމާރީ މައްސަލައާ ގުޅިގެން 15 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މާރާމާރީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އެކަކީ ގދ. ވާދޫ އުނިމާގެ ހަސަން ޒިޔާއު އިބްރާހިމް، 18އ އެވެ. އޭނާ ވަނީ ތަހުގީގު ނިމެންދެން ބަންދުކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.