ފެހެންދޫ ފަޅުގައި އަޅާފައި އޮތް ދޯންޏަކާއި ޑިންގީއެއްގައި ރޯވެ، އަނދާ ހުލިވެއްޖެ

ފޮޓޯ: ކިޔުންތެރިއެއް

ބ. ފެހެންދޫ ފަޅުގައި އަޅާފައި އޮތް ދޯންޏަކާއި ޑިންގީއެއްގައި ރޯވެ، އަނދާ ހުލިވެއްޖެއެވެ.

ރޯވެފައިވަނީ ފެހެންދޫ ފަޅުގައި އަޅާފައި އޮތް މުދާ އުފުލާ ދޯންޏެއްގައެވެ. އަދި ޑިންގީގައި އަލިފާން ރޯވީ އެ ދޯނީގައި ރޯވެ، އަލިފާންގަނޑު ފެތުރުމުގެ ސަބަބުންނެވެ.

ގާތްގަޑަކަށް ރޭ ދަންވަރު 1 ޖަހަނިކޮށް ހިނގި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެރަށުގައި ހަދާ ގެސްޓްހައުސްއެއްގެ މަސައްކަތް ކުރަމުން އަންނަ ބައިކަން މޯލްޑިވްސް ކިޔާ ކުންފުންޏަކަށް ނިސްބަތްވާ، 'އެގްރި' ނަމަކަށް ކިޔާ ދޯންޏެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި  70 ފޫޓުގެ އެ ދޯންޏަކީ ކުއްޔަށް ނަގައިގެން ދުއްވާ ދޯންޏެކެވެ. އަދި މި ހާދިސާ ހިނގިއިރު، އެއްވެސް މުދަލެއް ނެތް ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.

އެ ދޯނީގައި ރޯވި ސަބަބެއް އަދި ނޭނގޭ ކަމަށާއި އެ މަންޒަރު އެންމެ ފުރަތަމަ ފެނުނު އިރު ވެސް ދޯނީގައި ވަރަށް ބޮޑަށް ރޯވެފައި ހުރި ކަމަށް އެރަށު ކައުންސިލާއި ޙަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ ދެ އުޅަނދު ވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.