ލޯކަލް މާރުކޭޓާއި ދަނޑުވެރިންގެ މާރުކޭޓުގެ ގޮޅިތައް ހުސްކުރަން ހައުސިން މިނިސްޓްރީން ކުރިން ދީފައި އޮތް މުއްދަތު މިނިސްޓްރީން އިތުރު ކޮށްދީފިއެވެ.
މިއަދު މެންދުރު ބާރަ ޖެހުމާ ހަމައަށް ހުރިހާ ގޮޅިތަކެއް ހުސްކުރަން ހައުސިން މިނިސްޓްރީން ކުރިން ދީފައި އޮތް މުއްދަތު އެ މިނިސްޓްރީން ވަނީ މިމަހުގެ ނިޔަލަށް އިތުރު ކޮށްދީފައެވެ. މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ގޮޅިތަކެއް ހުސްކުރަން މިހާރު އަންގާފައިވާނެ ކަމަށެވެ. އެގޮތަށް ނިންމީ މިހާރު ގޮޅިތައް ހިންގާ މީހުންނަށް އެކަށީގެންވާ މުއްދަތެއް ދިނުމަށް އެފަރާތްތަކުން އެދުމުން ކަމަށްވެސް ވިދާޅުވިއެވެ.
ވަޅޯމަސް ވިއްކާ ގޮޅިތައްވެސް ހިމަނައިގެން ލޯކަލް މާރުކޭޓުގެ ހުރިހާ ގޮޅިއެއް ހުސްކުރުމަށް ފަހު މިނިސްޓްރީން ނިންމާފައި ވަނީ މިނިސްޓްރީން މިހާރު އެކުލަވާލާފައިވާ އާ އުސޫލުގެ ދަށުން އެ ގޮޅިތައް އަލުން ކުށްޔަށް ދޭށެވެ. ގޮޅިތައް އަލުން ކުށްޔަށްދޭން މިނިސްޓްރީން ކުރި އިއުލާނާއި ގުޅިގެން ހޮވުނު ފަރާތްތަކަށް ގޮޅިތައް އަލުން ދޫކުރާއިރު މިހާރު ގޮޅިތަކުގައި ތިބި ބަޔެއް މީހުންނަށް ގޮޅި ނުލިބޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ގޮޅިތައް އަލުން ދޫކުރަނީ ކުރިމަތިލި ފަރާތްތަކުގެ މެދުގައި މާކްސް ދިނުމަށް ފަހު އެންމެ މަތިން މާކްސް ހޯދި ފަރާތްތަކަށެވެ.
މިނިސްޓްރީން ބުނީ މިހާރު ގޮޅިތައް ހިންގާ މީހުންގެ ތެރެއިން މާކްސް މަދުވި މީހުންނަކީ ތަފާތު ދެސަބަބަކާހެދި މާކްސް މަދުވި މީހުން ކަމަށެވެ. އޭގެތެރެއިން އެއްކަމަކީ ގޮޅިތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި ބަރާބަރަށް ނުދައްކާ ފަރާތްތަކެވެ. އަނެއް ބަޔަކީ ލިބިފައިވާ ގޮޅި ބިދޭސީންގެ އަތްމައްޗަށް ދޫކޮށްލާފައިވާ މީހުންނެވެ.