މިއަހަރު ދިވެހިން ގޮވައިގެން އުމްރާއަށް ދިޔުމުގައި ތިން ޙަރަމަށް އުމްރާވެރިން ގޮވައިގެން ދާން ކުރިން ރާވާފައި އޮތް ނަމަވެސް ފަލަސްތީނުގެ ގުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ޙަރަމް ކަމަށްވާ މަސްޖިދުލް އަގްސާއަށް ނުދިޔުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.
ޙައްޖު ކޯޕަރޭޝަނުން މިގޮތަށް ނިންމީ މިދުވަސްވަރު އަގްސާ މިސްކިތަށް އުމްރާވެރިން ނުދިޔުމަށާއި އެ މިސްކިތަށް ޒިޔާރަތް ކުރުން ރައްކާތެރި ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން ގްރޫޕްތަކަށް އިލްތިމާސް ކުރުމުންނެވެ. ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މިހާރުވެސް ދިވެހި އުމްރާވެރިންތަކެއް ވަނީ ފުރައިގެން ގޮސްފައެވެ.
ނަމަވެސް ޙައްޖު ކޯޕަރޭޝަނުން ބުނީ އެމީހުން ގޮވައިގެން ދެން ދާނީ ހަމައެކަނި މުސްލިމުންގެ އެންމެ މާތް ޙަރަމްފުޅު ކަމަށްވާ މަސްޖިދުލް ޙަރަމް އާއި މަސްޖިދުލް ނަބަވީއަށް އެކަނި ކަމަށެވެ. ގުދުސްގައި ހުންނަ އަގްސާ މިސްކިތަކީ ތިން ޙަރަމް އުމްރާ ދަތުރުތަކުގައި އާންމުކޮށް ދިވެހި އުމްރާ ގްރޫޕްތަކުންދާ ތަނެކެވެ.
ނަމަވެސް ފަލަސްތީނުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ރަސްމީކޮށް ނިންމުމާއި ގުޅިގެން ފަލަސްތީނުގެ އާންމުންނާއި ޔަހޫދީ ސިފައިންގެ މެދުގައި ގުދުސްގެ އެކި ތަންތަނާއި އަގްސާ މިސްކިތް ހިމެނޭ ހިސާބުގައިވެސް ދަނީ ހަމަނުޖެހުންތައް ހިނގަމުންނެވެ.