ކަޒަކިސްތާނާއެކު ގިނަ ދާއިރާތަކަކުން ގުޅުން ބަދަހި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރައްވައިފި

ކަޒަކިސްތާނާއެކު ގިނަ ދާއިރާތަކަކުން ގުޅުން ބަދަހި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުބްރާހިމް މުޙައްމަދު ސާލިޙު މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ކުރައްވާފައިވަނީ ކަޒަކިސްތާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ނޫރުލާން ޒަލްގަސްބަޔޭވު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ކަޒަކިސްތާންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ.

ރާއްޖެއާއި ކަޒަކިސްތާނާ ދެމެދު އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވެސް ދެބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރަކީ ރާއްޖެއާ، ކަޒަކިސްތާނުގެ ގުޅުމަށް 22 އަހަރުފުރޭ، އަހަރުކަން ފާހަގަކުރައްވައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް ބަދަހިވެފައިވާކަމުގައި ވިދާޅުވެފައެވެ.

ކަޒަކިސްތާނުގެ ސަފީރު ވަނީ ފާއިތުވި އަހަރުތަކުގައި ދެޤައުމުން ވެސް ޝައުޤުވެރިވާ ކަންކަމުގައި ފޯރުކޮށްދީފައިވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ކަޒަކިސްތާނުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެ ޤައުމުގެ އޮނޮރަރީ ކޮންސުލް ޤާއިމުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، މަސްވެރިކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ރާއްޖެއާއި ކަޒަކިސްތާނުގެ ގުޅުން އިތުރަށް ބަދަހިކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.