ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ބޫޓާނާއެކު ގުޅުން ބަދަހިކުރުމަށް ބޭނުންވޭ: ރައީސް ސާލިހް

ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ބޫޓާނާއެކު ގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބޫޓާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ރިންޗެން ކުއެންޓްސިލް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި ބޭއްވެވި މަޝްވަރާގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި ރައީސް ސާލިހު ވިދާޅުވީ ރާއްޖެއާ، ބޫޓާނާ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިންނާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އަދި، ޞިއްޙީ ދާއިރާއިން ވެސް ގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަމަށެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި ޚާއްޞަކޮށް ސާކްގެ އޮނިގަނޑުގެ ތެރެއިން ދެ ޤައުމުން ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ދެކުނު އޭޝިޔާ ބައްރުގެ ޞުލްޙަ މަސަލަސްކަމާއި، ރައްކާތެރިކަން ކަށަވަރުކުރުމުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރެއްވުމުގެ މުހިންމުކަން ވަނީ ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބޫޓާނަކީ ރާއްޖެއަށް މުހިންމު ބައިވެރިއެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ދެޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

‎މި ބައްދަލުކުރެއްވުމުގައި، ބޫޓާންގެ ސަފީރު ވަނީ މޫސުމީ ބަދަލުތަކަށް ބަލާނަމަ ރާއްޖެއާއި ބޫޓާނަކީ ކުޑަ އަދި ނާޒުކު ދެޤައުމުކަން ފާހަގަކުރައްވައި މި ދާއިރާއިން ގުޅިގެން އިތުރަށް މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ހާމަކުރައްވާފައެވެ. އަދި، ރާއްޖެ ކޮވިޑް-19 މެނޭޖްކުރުމުގައި ހޯދާފައިވާ ކާމިޔާބީތަކާއި، ކޮވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރުތަކުން އަރައިގަތުމުގައި ހޯދަމުންދާ ކާމިޔާބީތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް ބޫޓާންގެ ސަފީރު ތަޢުރީފުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާ ބޫޓާނާ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ބޭނުންފުޅުވާކަމުގައި ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.