ފަސްވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް ޖޫން މަހު ބާއްވަނީ

ރާއްޖޭގައި ބޭއްވި ހޭންޑްބޯލް މުބާރާތެއް - ފައިލް ފޮޓޯ

ފަސްވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް ޖޫން މަހު ބާއްވަން ނިންމައިފިއެވެ.

ހޭންޑްބޯލް އެސޯސިއޭޝަނުން ބުނީ މި މުބާރާތް ފެށުމަށް ނިންމާފައިވަނީ ޖޫން 5 ވަނަ ދުވަހު ކަމަށެވެ. އަދި އެ އެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކުން މުބާރާތުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު 19 މެއި 2022  ވާ ބުރާސްފަތި ދުވަހުގެ މެންދުރު ދޭއް ޖެހުމުގެކުރިން އެ އެސޯސިއޭޝަނަށް އީމެއިލް ކުރަންވާނެ ކަމަށެވެ.

މީގެ އިތުރުން މުބާރާތުގައި ބައިވެރިވާ ކުލަބުތަކުގެ ޓީމް ލިސްޓް 31 މެއި ވާ އަންގާރަ ދުވަހުގެ މެންދުރު ދޭއް ޖެހުމުގެ ކުރިން އެ އެސޯސިއޭޝަންގެ އޮފީހަށް ހުށައެޅުމަށް ވަނީ އެދިފައެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމުތައް ގަލޮޅު ދަނޑުގައި ހުންނަ އެ އެސޯސިއޭޝަންގެ އޮފީހުން ލިބެން ހުންނާނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

ހޭންޑްބޯލް އެސޯސިއޭޝަނުން ބުނީ މުބާރާތުގައި ބައިވެރިވާ ކުލަބްތަކުގެ މެދުގައި ގުރުއަތުލުން ބޭއްވޭނެ ތަނަކާއި ވަގުތު ފަހުގެ ތާރީޚެއްގައި އަންގާނެ ކަމަށެވެ.

އިތުރު މައުލޫމާތު ހޯދުމަށް އެސޯސިއޭޝަން ގެ ޖެނެރަލް ސެކްރެޓަރީ (9879555) އާއި ގުޅުމަށް ވެސް ވަނީ އެދިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.