ނަހުލާގެ ދެމައިން ޕީޕީއެމް އިން ވަކިކޮށްފި

ފޮޓޯ: ނަހުލާ ޢަލީ ޓްވިޓަރ

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ އާއި އޭނާގެ މަންމަ ލީލާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިކޮށްފިއެވެ.

އެ ޕާޓީން ބުނީ ނަހުލާއާއި އޭނާގެ މަންމަ އައިމިނަތު ލީލާ އެޕާޓީން ވަކިކުރީ މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓަށް، އެ ދެމައިން "އެންޓި ކެމްޕެއިން" ކުރާކަމުގެ މައުލޫމާތު ހެއްކާ އެކު ލިބިފައިވާތީ އެ މައްސަލަ ބެލުމަށްފަހު ކަމަށެވެ.

ސްލޫކީ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި އެކަން ބެލުމަށްފަހު ވަނީ ނަހުލާއާއިމެދު ކުރާ ކަންކަން އެއްވެސް ޝައްކެތް ނެތް މިންވަރަށް ސާބުތުވެފައިވާ ކަމަށް ވެސް ޕީޕީއެމް އިން ބުނެއެވެ.

ސްލޫކީ ކޮމެޓީގެ ނަހުލާއާއި އޭނާގެ މަންމަ ވަކި ކުރަން ނިންމާފައިވާއިރު، ނަހުލާ ވަނީ ޕީޕީއެމްއާއި އެޕާޓީގެ ލީޑަރޝިޕާއި ގުޅޭގޮތުން ފޭސްބުކްގައާއި، ޓުވިޓަރގައި ތަފާތު އެކި ވާހަކަ ދައްކާފައެވެ. އަދި ނަހުލާގެ ފޭސްބުކް އެކައުންޓްގައި، ޕީޕީއެމާއި އެ ޕާޓީގެ ލީޑަރޝިޕް ބަދުނާމުކޮށް ހަގީގަތާ ޚިލާފު ވާހަކަތަކެއް ދައްކާފައިވާކަމަށް ވެސް ޕީޕީއެމް އިން ވަނީ ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން ޕީޕީއެމްގެ ރައީސް އަދި ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށް، ދޮގު ވާހަކަތައް ދައްކައި މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ފިތުނަ އުފެދޭ ވާހަކަތައް ނަހުލާ ދައްކަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށް ޕީޕީއެމުން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.