މާފުށީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނު ދެ ޒުވާނުން ހައްޔަރުކޮށްފި

މާލެއަތޮޅު މާފުށީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނު ދެ ޒުވާނުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރާއި 21 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. އެ ދެ މީހުން ހައްޔަރު ކުރީ މާފުށިން މާލެ އައިތަނާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ މައްސަލަ އަކީ އިއްޔެ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މައްސަލައެއް ކަމަށާއި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ފަހަކަށް އައިސް މާރާމާރި ހިންގުމާއި ތޫނު އެއްޗިހިން މީހުންނަށް ހަމަލާދޭ ފަދަ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.

އެގޮތުން މިއަހަރުގެ ފިޠުރު އީދު ދުވަހު މާލޭގައި ދެ ސަރަހައްދެއްގައި ތޫނު އެއްޗަކުން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލާފައިވާއިރު، މި މަހުގެ 5 ވަނަ ދުވަހު ފުލުހުން ވަނީ މާރާމާރި ހިންގި މައްސަލައެއްގައި ހަތް މީހަކު ހޯދަން އެމީހުން ވަނަވަރު ހާމަކޮށް އިއުލާން ކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.