ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޢަލީ މެލޭޝިއާ އަށް ވަޑައިގެންފިއެވެ.
އެކަމަނާ މެލޭޝިއާއަށް މި ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ހަދާފައިވަނީ އެޑިއު ސިޓީ އިސްކަންދަރަށް ޒިޔާރަތް ކުރައްވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ޒިޔާރަތުގައި އެ ސަރަހައްދުގައި ހިމެނޭ ބައެއް ޔުނިވަރސިޓީތަކާއި ސްކޫލްތަކާއި ޑްރޯން އެންޑް ރޮބޯޓިކް ޒޯނަށް ވެސް ޒިޔާރަތް ކުރައްވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ މިނިސްޓަރު އިސްކަންދަރަށް ކުރެއްވި މި ޒިޔާރަތުގައި ޓީޗަރުންނާއި ޕްރިންސިޕަލުން ބިނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެ ޒިޔާރަތަށް ފަހު އެ ތަން ހުންނަ މެލޭޝިއާ ޖޯހޮރް ސިޓީގެ ޗީފް މިނިސްޓަރު ހާފިޒް ގާޒީގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފައިވާ ކަމަށް ވެސް ބުންޏެވެ.
މިއަދުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން، ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު އަލީ އާއި ފައިނޭންސް އެގްޒެކެޓިވް ނައުޝާދް އިބްރާހިމް އަދި އެޑިއުކޭޝަން އޮފިސަރު އިބްރާހިމް އިސްމާއިލް ބައިވެރިވެވަޑައިގެންނަވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
Minister Dr. Aishath Ali and the delegates from Ministry of Education paid a courtesy call on the Chief Minister of Johor, H.E. Datuk @onnhafiz today, at his official residence. pic.twitter.com/hkdeFZPz9W
— Ministry of Education (@MoEdumv) May 7, 2022
މެލޭޝިއާގެ އެޑިއު ސިޓީ އިސްކަންދަރަކީ 305 އޭކަރުގައި ހަދާފައިވާ ތައުލީމާއި ބެހޭ ދާއިރާތަކުގެ އެކި ތަންތަން ހުންނަ ސަރަހައްދެކެވެ. އެތަނުގައި ޔުނިވަރސިޓީތަކާއި ޕްރައިމަރީ، ސެކަންޑްރީ އަދި ހަޔަރ ސެކަންޑްރީ ސްކޫލްތަކާއި ރިސަރޗް އެންޑް ޑިވެލޮޕްމެންޓު ސެންޓަރުތައް ހުރެއެވެ.