ނެޝަނަލް ހެލްތު ލެބޯޓްރީ ޤާއިމްކުރުމަށް ބޭނުންވާ ފައިސާއާއި ބިން ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާދިލް ވިދާޅުވީ ސަރުކާރުން ކުރެއްވި މަސައްކަތުން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ އެހީގައި 18.5 މިލިއަން ޔޫރޯގެ އެހީ ދިވެހި ސަރުކާރަށް މިހާރު ލިބިފައިވާ ކަމަށެވެ.
އެ ލެބޯޓްރީ ޤާއިމްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ހާމަކުރައްވާ ޢާދިލް ވިދާޅުވީ އެ ލެބޯޓްރީއާއެކު ތަހުލީލްތައް ފުޅާވެ، އިތުރު ދާއިރާތަކުން ޚިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި މިހާރުކުރިއަށްދަނީ ލެބޯޓްރީގެ ޑިޒައިންގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޢާދިލް ވިދާޅުވީ ސިއްޙީ ދާއިރާއަށް ބޭނުންވާ ހުރިހާ ވެކްސިނަކާއި، ސިއްޙީ ކޮންޒިއުމަބަލްސްއާއި ބޭސް ރައްކާކުރުމަށް ބޭނުންވާ ސެންޓްރަލް ވެކްސިން ސްޓޯރޭޖް ފެސިލިޓީ ވެސް ހުޅުމާލޭގައި ޤާއިމްކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ.
"އެ ފެސިލިޓީ ޤާއިމްކުރުމަށް ބޭނުންވާ ބިން ހަމަޖެހި ފައިސާ ވެސް ވަނީ ހަމަޖެހިފަ. އޭޑީބީގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢަށް 4.9 މިލިއަން ޑޮލަރު ޚަރަދުކުރުމަށް ވަނީ ކަނޑައަޅާފަ." ޢާދިލް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ލޯކަލް ކޮންސަލްޓެންޓެއް އައްޔަންކޮށްފައިވާ ކަމަށާއި ހަ ފަންގިފިލާއަށް ޢިމާރާތްކުރާ އެ ޢިމާރާތާއެކު ސިއްޙީ ދާއިރާއަށް ބޭނުންވާ މުހިންމު ވަސީލަތްތައް ބެލެހެއްޓުމަށް ފަސޭހަތަކެއް ލިބޭނެކަމަށެވެ.
ސަރުކާރުން ވަނީ ނޭޝަނަލް ހެލްތު ލެބޯޓަރީއެއް ހުޅުމާލޭގައި ގާއިމުކުރުމަށް ނިންމީ ސިއްޙީ ދާއިރާއަށް ބޭނުންވާ އެކިކަހަލަ ތަހުލީލުތައް ކުރަމުން އަންނަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ) އިންނަމަވެސް އެތަނުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށާއި އައު ޚިދުމަތްތަތާއެކު މަސައްކަތްތައް އިތުރަށް ފުޅާކުރުމުގައި ދަތިތަކެއް ދިމާވެފައިވާތީއެވެ.
ނޭޝަނަލް ހެލްތު ލެބޯޓަރީއަކީ އެކި ކަހަލަ ކާބޯތަކެއްޗާއި ކެމިކަލް ތަޙުލީލުކުރުމަށް ހަދާފައިވާ ލެބޯޓަރީއެކެވެ. މިލެބޯޓަރީގެ ޚިދުމަތް މިހާރު ދެމުން އަންނަނީ ހެލްތު މިނިސްޓްރީ ހިންގަވަމުން ގެންދަވާ ރޯޝަނީ ބިލްޑިންގ ގައެވެ. އެ ލެބޯޓަރީން މިހާރުވެސް ކާބޯތަކެއްޗާއި، ފެނާއި ކެމިކަލް އަދި މަހުގެ ބާވަތްތައް ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ލެބޯޓަރީން ޓެސްޓް ނުކުރެވޭ ސާމްޕަލްތަކުގެ ނަތީޖާތައް ހޯއްދަވަމުން ގެންދަވަނީ ރާއްޖެއިން ބޭރަށް ފޮނުވައިގެންނެވެ. ނަމަވެސް އައު ލެބޯޓްރީއާއެކު އެ މައްސަލަތަކަށް ހައްލު ލިބޭނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ ސިއްޙީ ނިޒާމް އިތުރަށް ތަރައްޤީކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެގޮތުން ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ޖާގަ އިތުރުކޮށް ލެބޯޓްރީގެ ޚިދުމަތާއި، ވެކްސިން ސްޓޯރޭޖް ފެސިލިޓީތައް އެކި ސަރަހައްދުތަކުގައި ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.