މޫސުމީ ބަދަލުތަކުގެ މައްސަލައިގައި ރާއްޖެއަށް އެއްބާރުލެއްވުން ދެއްވާނެ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އ.ދ. ގެ މައި މަރުކަޒުގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ނައިބު ރައީސް، އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ގުޓާރޭޒް ވަނީ ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރީ ސަފުގައި އަބަދުވެސް މަސައްކަތްކުރަމުންދާ ޤައުމެއްކަން ފާހަގަކުރައްވާފައެވެ.
މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާ ކަމަށާއި މިގޮތުން އަބަދުވެސް އ.ދ. އިން އަދި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އެމަނިކުފާނު ރާއްޖެއަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި އެމަނިކުފާނި ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ލީޑަރޝިޕަށް ތަޢުރީފުކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ރިޔާސަތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.
ހުރިހާ ޤައުމުތަކުން އެކަތިގަނޑަކަށް ވާންވީ ވަގުތަކީ މިވަގުތުކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިކަން ބޭނުންވާކަމުގައި ވިދާޅުވެފައެވެ. އަދި ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކުން ނާޒުކު ކުދި ޤައުމުތަކަށް މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އެހީތެރިވެދިނުން މުހިންމުކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ވެސް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާ ނައިބު ރައީސް ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމަށް ކުރިއަސަރުތަކާ ގުޅުންހުރި ބައެއް ކަންކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކުގެ ފަރާތުން ބައެއް ކަންކަމުގައި ބޭނުންވެލައްވާ ވަރަށް އެއްބާރުލުން ނުލިބޭކަން ހިތާމައާއެކު ފާހަގަކުރައްވާ ކަމަށެވެ. އަދި، ކުރަން ހުރި ކަންކަން ގިނަކަމުގައި ވިދާޅުވެ، ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކުގެ ސަބަބުން ކުރިމަތިވާ ބައެއް މައްސަލަތަކަށް އެންމެ ބޮޑު އަގެއް ދައްކަންޖެހިފައިވަނީ ރާއްޖެ ފަދަ ކުދި ނާޒުކު ޤައުމުތަކުން ކަމުގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ކުދި އަދި ނާޒުކު ޤައުމުތަކުގެ ޙައްޤުގައި މަސައްކަތްކުރުންމަތީ ދެމިހުންނަވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި، އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހެޔޮ އެދުންތައް ފޮނުއްވާ ކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖެއިން ޤަބޫލުކުރާ ގޮތުގައި މިއީ މޫސުމީ ބަދަލުތަކާ ގުޅިގެން ލަސްނުކޮށް ފިޔަވަޅު ނަގަންވީ ވަގުތުކަން ހާމަކުރައްވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ މިއީ މިއަދު ރާއްޖެއަށް ކުރިމަތިވާ ކަމެއްކަމުގައި ވަނީނަމަ މާދަމާ ކުރިއަރާފައިވާ އެހެން ބޮޑެތި ޤައުމުތަކަށްވެސް މިކަންކަން ކުރިމަތިވާނެ ކަމުގައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އަންހެނުން ބާރުވެރިކުރުވުމާއި، ޒުވާނުން ބާރުވެރިކުރުވުމާ ގުޅޭ ގޮތުން އ.ދ. ގެ ސެކްރެޓަރީ ޖެނެރަލާ މަޝްވަރާކުރައްވާފައެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް ވަނީ އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ރިޔާސަތަށް ތަޢުރީފުކުރައްވާފައެވެ.