ހަތަރު ޓީމެއް ޑިސްކޮލިފައިކޮށް ބައިބަލާ މުބާރާތް އަލުން ފަށަން ނިންމައިފި

ރާއްޖޭގައި ބޭއްވި ބައިބަލާ މުބާރާތެއްގެ ތެރެއިން

މެދުކެނޑިފައި އޮތް ބައިބަލާ މުބާރާތް ހަތަރު ޓީމެއް ޑިސްކޮލިފައި ކުރުމަށްފަހު، އަލުން ފަށަން ނިންމައިފިއެވެ.

ބައިބަލާ އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މާރާމާރީތަކާއި ގުޅުން ހުރި ޓީމުތަކާއި އެޓީމުތަކަށް ކުޅޭ ކުޅުންތެރިން ހިމެނޭހެން 4 ޓީމެއް ޑިސްކޮލިފައިކުރެވިފައިވާ ކަމަށެވެ.

އެހެންވެ، މިހާރު މުބާރާތުގައި ބައިވެރިވާނީ 30 ޓީމު ކަމަށް ވެސް ބައިބަލާ އެސޯސިއޭޝަންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ބައިބަލާ އެސޯސިއޭޝަނަކީ ރާއްޖޭގައި އޮތް ހަމައެކަނި ސަޤާފީ ކުޅިވަރަކާއި ގުޅުންހުރި އެސޯސިއޭޝަން ކަމަށްވާތީ، މި ކުޅިވަރާއި މުޖުތަމައުގައި ހިނގާ ކުށްތަކާއި ގުޅުވާ ގުޅުވުން، އެ ޖަމިއްޔާއިން ހިތަމާއާއިއެކު ކުށްވެރިކުރާކަމަށް ވެސް ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ކޮވިޑް-19 ގެ ބަލި މަޑުކަމާއިގުޅިގެން ދެ އަހަރެއްހާ ދުވަސްވަންދެން ބައިބަލާ މުބާރާތް ނުބޭއްވި އޮތުމަށްފަހު، މިއަހަރު، 1443 ވަނަ އަހަރުގެ ބައިބަލާ މުބާރާތުގެ ނަމުގައި މިމުބާރާތް ބޭއްވުމަށް ސަރުކާރުން ވަނީ ހުއްދަދީފައެވެ.

އެހެންވެ، މިއަހަރުގެ މުބާރާތް އިޢުލާން ކުރުމާއިއެކު 34 ޓީމުން 1000 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެފައިވާއިރު، ގުރުއަތުނަގައި، މުބާރާތަށް ޓީމުތައް ފަރިތަކުރަމުން އައިސް ގިނަ ޚަރަދުތަކެއް މިހާތަނަށް ކޮށްފައިވާކަން ބައިބަލާ އެސޯސިއޭޝަންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ އެސޯސިއޭޝަންއިން އެންމެ ބޮޑަށް އިސްކަންދެނީ ޑިސިޕްލިންގ ގޭމަކަށް ކަމަށާއި މާލެ ތެރޭ ހިނގައިދިޔަ މާރާމާރީތަކާއި ގުޅުވައި ފުލުހުން މި މުބާރާތް ހުއްޓުވާފައިވުމާއި ގުޅިގެން މުބާރާތުގައި ބައިވެރިވާ ޓީމުތަކާއި ބައިބަލާ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ މަޝްވަރާކޮށް މިހާރުވަނީ ގޮތްތަކެއް ނިންމާފައި ކަމަށް ބުނެފައިވެއެވެ.

އެގޮތުން މުބާރާތުގެ ތެރެއިން ކުޅިވަރުގެ ރޫހާއި އިޖްތިމާއީ މިންގަނޑުތަކާ ޚިލާފަށް އަމަލުކުރާ ޓީމުތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށާއި މިމުބާރާތުގެ އިންތިޒާމްތައް މިހާތަނަށް ރޭވިފައިވަނީ ފުލުހުންނާއި ގުޅިގެން، ފުލުހުންގެ އިރުޝާދުގެ މަތިންކަން އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ފުލުހުން އެދުނުގޮތައް ބައިބަލާ ކުޅެން ހަމަޖެހިފައިވާ ތަނާއި، އެތަނުގައި ކެމެރާ ހަރުކުރުމާއި، ސަޕޯޓަރުން ވަކިވާނެހެން ތަނުގެ އިންތިޒާމްތައް އެސޯސިއޭޝަނުން ހަމަޖައްސާފައިވާ ކަމަށްވެސް ބުންޏެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.