ނަހުލާ ގެންދަނީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދަމުން: ޕީޕީއެމް

ނަހުލާ ގެންދަނީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދަމުން ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނީ ނަހުލާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ރައީސް އަބްދުﷲ ޔާމީން އަލުން ވެރިކަމަށް ގެނައުމާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކު ޕީޕީއެމްގެ ތެރޭގައި އުޅޭ ކަމަށް ބުނުމުންނެވެ.

ޕީޕީއެމް އިން ބުނީ މާލޭ ސިޓީ ކައުންސިލްގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ މެންބަރު ނަޙުލާ ޢަލީ ޕީޕީއެމްއާއި އެ ޕާޓީގެ ލީޑަރޝިޕް ބަދުނާމުކޮށް ދައްކައިފައިވަނީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.

" ނަހުލާ އެ ފަދަ ދޮގު މައުލޫމާތުތައް ފަތުރަމުންދަނީ ވިލިމާލޭ ދާއިރާ، މާލޭ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓަށް އެންޓި ކެމްޕެއިންކޮށް، އިދިކޮޅުން ވާދަ ކުރަމުން ގެންދާ ކެނޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތްތަކެއް ކުރާކަމުގެ މަޢުލޫމާތު ހެއްކާ އެކު ލިބި،  އެމައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި، ޕާޓީގެ ސުލޫކީ ކޮމިޓީން ބަލަން ފެށުމުން." ޕީޕީއެމް އިން ބުންޏެވެ.

ޕީޕީއެމް އިން ބުނީ މިކަންކަން ކުރުމުގައި ނަޙުލާ އަށް ވާގިވެރި ވުމުގައި، އޭނާގެ މަންމަ އާމިނަތު ލީލާ ވެސް ހިމެނޭއިރު، ސުލޫކީ ކޮމިޓީން އެ މައްސަލަ ބަލަމުން އަންނަކަމަށެވެ. އަދި ދޮގު ވާހަކަތަކެއް ދެއްކުމަށް ފަހު ޕާޓިން ވަކިވެފައިވާ އޭނާގެ ކޮއްކޮ މަރްޔަމް ނަފްޙާ ޢަލީ ވެސް ހިމެނޭ ކަމަށެވެ.

ނަޙުލާ ޢަލީ އަދި އާމިނަތު ލީލާއާ ގުޅިގެން ސުލޫކީ ކޮމިޓީން ބަލަމުން ގެންދާ މައްސަލަ ކުރިއަށް ގެންދިއުމުގައި އެ ދެބޭފުޅުންގެ އެއްބާރުލުން ނުލިބޭ ކަމަށް ވެސް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.