ރައީސް ނަޝީދަށް ދިން ޓެރެރިސްޓް ޙަމަލާގެ ޝަރީޢަތް ލަސްވާތީ މަޖިލީހުން ކަންބޮޑުވުން ފާޅުކޮށްފި

ފޮޓޯ: ރައްޔިތުންގެ މަޖިިލިސް

ރައީސް ނަޝީދަށް ދިން ޓެރެރިސްޓް ޙަމަލާގެ ޝަރީޢަތް ލަސްވާތީ މަޖިލީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ދިން ޓެރަރިސްޓް ހަމަލާއަށް މިއަދު އަހަރެއްވީ އިރުވެސް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޝަރީއަތް ލަސްވުމަކީ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

6 މޭ 2021 އަކީ ދިވެހިރާއްޖެއަށް ކުރިމަތިވި އަނދިރި، ނާމާން ދުވަހެއް ކަމަށާއި 6 މޭ 2021 ވަނަ ދުވަހުގެ ރޭ ދިން އެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަކީ، ހަމައެކަނި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން އިންތިޚާބުވި ދިވެހިރާއްޖޭގެ ފުރަތަމަ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއެއް ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ބުނީ އެ ހަމަލާއަކީ ދިވެހި ދައުލަތާއި މުޅި ދިވެހި މުޖްތަމައާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށާއި ގާނޫނުގެ ބާރާއި ދީމިގްރާތީ މުއައްސަސާތަަކށް ދިން ހަމަލާއެއް ކަމަށެވެ. ދިވެހިން ނަގާކޮޅަށް ޖަހާފައިވާ މުޅި އިގްތިސާދަށް ވެސް ލޮޅުން އައިސް، ދިވެހި ދައުލަތުގެ ރީތި ނަމާއި ދުނިޔޭގެ ކަންކޮޅުތަކުން ރާއްޖެއާމެދު ދެކޭ ރީތި ގޮތާއި ތަސައްވުރު އެކީއެކަށް ބަދަލުވެދާނެފަދަ ނުރައްކާތެރި ހަމަލާއެއް ކަމަށެވެ.  އަދި އެ ހަމަލާގެ ސަބަބުން މުޅި ދިވެހިރާއްޖޭގެ އަދި އަންނަންއޮތް ޖީލުތަކުގެ ސަލާމަތާއި ރައްކާތެރިކަމާމެދު ސުވާލުއުފެދި ބިރުވެރިކަން ވަނީ އުފެދިފައި ކަމަށް ވެސް ވަނީ ބުނެފައެވެ.

"އެ ހަމަލާގެ ސަބަބުން އެމަނިކުފާނު މިނިވަންކަމާއެކު ދިރިއުޅުއްވައި އެއްތަނުން އަނެއްތަނަށް ވަޑައިގެންނެވުން ވަނީ ވަރަށްބޮޑަށް ހިފެހެއްޓިފަ. އެ ހަމަލާއިން އިންސާފު ލިބިވަޑައިނުގަންނަވާހާ ހިނދަކު، އެމަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުގައި ވާޖިބާއި މަސްއޫލިއްޔަތު އަދާކުރެއްވުން އަދި މިނިވަންކަމާއެކު ދިރިއުޅުއްވުމުގެ ހައްގުވަނީ ވަރަށް ބޮޑަށް ހަނިކުރެވިފަ" ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، އެ ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ތިބި މާލީ ވެރިންނާއި، އެހެނިހެން ފަރާތްތަކުގެ މައްސަލަ ތަހްގީގުކުރުމުގެ މުހިންމުކަން މިހިނދުގައި ފާހަގަކުރާކަމަށާއި ދިވެހިރާއްޖޭގެ ޓެރަރިސްޓް ހަމަލާތައް ދެވޭ މިންވަރު އިތުރުވަމުން އައިސް، ރައީސް ނަޝީދަށް އަމާޒުކޮށް ދިން އެ ހަމަލާއަކީ، ފަހުގެ ތާރީޚެއްގައި އެފަދައިން ދިން އެންމެ ބޮޑު ހަމަލާާ ކަމަށާއި އެފަދަ ހުރިހާ ހަމަލާތަކެއް ތަހްގީގުކޮށް، ޝަރީއަތް ހިންގައި، އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ މި ގައުމުގެ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަމެއްކަން ވެސް ފާހަގަކުރާކަމުގައި މަޖިލީހުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

"އެ ނުރައްކާތެރި ހަަމަލާއިން ލިބިވަޑައިގެންނެވި ޒަޚަމްފުޅުތަކުން ރައީސް ނަޝީދުގެ ފުރާނަފުޅު ސަލާމަތްކޮށްދެއްވި ކަމަށްޓަކައި ގަދަކީރިތިވަންތަ މާތްﷲ ސުބްހާނަހޫ ވަތައާލާއަށް ހަމްދާއި ޝުކުރުދަންނަވަން. އަދި އެ އުނދަގޫ ވަގުތުގައި އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމަށް ހެޔޮދުއާ ކޮށްދެއްވި އެހެންމެހައި ފަރާތްތަކަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން." ރައްޔިތުންގެ މަޖިލީހުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.