ގްރޫޕް ހަދައިގެން މާރާމާރި ހިންގި މައްސަލައެއްގައި 7 މީހަކު ހޯދަން ވަނަވަރު ޢާންމުކޮށްފިއެވެ.
އެހެންނަމަވެސް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަން އިއުލާންކުރި މީހުން ހޯދަނީ ކޮން މައްސަލައަކާއި ގުޅިގެންކަމަށް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ހޯދަމުންދާ މީހުންގެ ތެރޭގައި ހިމެނެނީ ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، މަޢުޞޫމް މުޙައްމަދުދީދީ (27އ)، ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްޙާޒު (22އ)، ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ)، ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަޙްމަދު ރަބީޢު (24އ)، ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ)، ސ. ހުޅުދޫ/ ނާދީ، މުނާދު ޖަޢުފަރު (20އ) އަދި ސ. މަރަދޫ/ ކޮރަލް، އަޙްމަދު ސާތިޢު (21އ) އެވެ.
މި ހަތް މީހުން ހޯދަން ފުލުހުން ވަނަވަރު ޢާންމުކޮށްފައިވާއިރު، މާލެއާއި ހުޅުމާލޭގައި ރޭ ވަނީ މާރާމާރީތަކެއް ހިންގާފައެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމާލޭގައި ހިނގި މާރާމާރީގެ ތެރެއިން ފުރަތަމަ މާރާމާރީ ހިނގާފައިވަނީ ފޭސް އެކެއްގެ ލަޔަރ ރެސްޓޯރެންޓު ކައިރީގައި ކަމަށާއި މިމާރާމާރީގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 21:17 ހާއިރު ކަމަށެވެ.
ދެވަނަ މާރާމާރީ ފޭސް ދޭއްގެ ބްރިޖް ކައިރީގައި ހިންގާފައިވާ އިރު، މިމާރާމާރީގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 21:32 ހާއިރުކަމަށް ފުލުހުން ބުންޏެވެ. އަދި މިދެމާރާމާރީގައި ދެމީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ. އެކަމަކު ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ވަރަށް ގާތްގާތުގައި ހިނގާފައިވާ މިދެމާރާމާރީއާއި ގުޅުމެއްވާކަމެއް ނުވަތަ މިއީ ކޮންކަމަކާއި ގުޅިގެން ހިނގި މާރާމާރީއެއްކަން ފުލުހުން ވިދާޅުނުވާއިރު މިދެ މާރާމާރީވެސް ތަޙުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން މާލޭގެ ސޯސަން މަގު ގައި ވެސް ރޭ ވަނީ މާރާމާރީއެއް ހިންގާފައެވެ.
ހަތް މީހުން ހޯދަން އިއުލާންކޮށް ފުލުހުން ބުނީ މި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދޭކަމަށެވެ.