ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ދަމުން ޒުލްފީ ގެންދިޔައީ ބޮޑުބެރެއް

ޕާކިސްތާނުގެ މަޝްހޫރު މިއުޒިކްކުޅުންތެރިޔާ ޒުލްފިޤާރް ޖައްބާރް ޚާން (ޒުލްފީ) ޗުއްޓީއެއްގައި ރާއްޖެ އައިސްފައި އެނބުރި ދިޔައީ ބޮޑުބެރެއް ހިފައިގެންނެވެ. ދާދިފަހުން އިންޑިއާގެ ޔޫޓިއުބަރަކަށް ޒުލްފީ ދިން ބަސްދީގަތުމެއްގައި ބުނެފައި ވެއެވެ. "އަހަރެން ކޯކް ސްޓޫޑިއޯ ނިންމާފައި ޗުއްޓީގައި ދިވެހިރާއްޖެއަށް ގޮސްފައި އެނބުރި އައީ އެ ގައުމުގެ މިއުޒިކް އާލަތެއް ހިފައިގެން. އެއީ ރުކުގެ ލަކުޑިން ހަދާ އެއްޗެއް. އެޔަށް އެމީހުން ކިޔަނީ ބޮދޫބެރު (ބޮޑުބެރު). އަހަރެން ކުރިއަށް އޮތް ތަނުގައި (އަހަރެން އުފައްދާ ލަވަތަކުގައި) އެ އާލަތް ބޭނުން ކުރާނަން."

ޒުލްފީއަކީ އިހަކަށް ދުވަހު ނިމިގެން ދިޔަ "ކޯކް ސްޓޫޑިއޯ 14" ގެ ޕްރޮޑިއުސަރެވެ. ކޯކް ސްޓޫޑިއޯގެ މި އަހަރުގެ ލަވަތަކުގައި އޭނާ ވަނީ އެކި ގައުމުގެ މިއުޒިކު އާލަތް ބޭނުންކޮށްފައެވެ. އޭގެ ތެރޭގައި ދެކޮނު ކޮރެއާ ފަދަ ގައުމުތަކުގެ އާލަތްވެސް ހިމެނެއެވެ.

ޒުލްފީއަކީ އަބަދުވެސް މިއުޒިކްގައި އާދަޔާ ޚިލާފު ތަޖުރިބާ ކުރާ ހިތްވާ މީހެކެވެ. މިއަހަރުގެ ކޯކް ސްޓޫޑިއޯގެ ލަވަތައް އޭނާ ގެނެސްދީފައި ވަނީ މީގެ ކުރީގެ 13 އަހަރާ ތަފާތުކޮށް ވަރަށް އާދަޔާ ޚިލާފު ގޮތަކަށެވެ.

ޒުލްފީގެ އާދަޔާ ޚިލާފު މަސައްކަތްގުގެ ތެރޭގައި އޭނާ ތައްޔާރު ކުރި މަޝްހޫރު ލަވަ ކޯކް ސްޓޫޑިއޯ އެންތަމް "ހަމް އޭކް ހޭ" ހިމެނެއެވެ. ހަމް އޭކްހޭ އަކީ ޕާކިސްތާޏުގެ ގައުމީ ލަވައެވެ. ކޯކް ސްޓޫޑިއޯގެ އެދުމަކަށް އޭނާ މި ލަވަ ތައްޔާރު ކޮށްފައި ވަނީ ތަފާތު 40 މިއުޒިކް އާލަތް ބޭނުންކޮށްގެންނެވެ.

މީގެ އިތުރަށް 40 ބެރުޖެހުންތެރިން ބޭނުން ކޮށްގެން އޭނާ އުފެއްދި "ޕާކިސްތާން ޒިންދާބާދް" ލަވަވެސް ވަނީ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.