އެމްޑީޕީގެ އާންމު މެންބަރުންނަށް އެމްޑީޕީއަކީ ކޮބައިކަން ވަރަށް ސާފު ކަމަށާއި ޝައުނާގެ އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކުރައްވައި އެމްޑީޕީ ކިޔުއްވައިދެއްވާން އުޅުއްވާނެ ކަމެއް ނެތް ކަމަށް ވިދާޅުވެ، ރައީސް ނަޝީދުގެ ބަހުގެ ހަމަލާތަކެއް މިނިސްޓަރ ޝައުނާއަށް ދެއްވައިފިއެވެ.
ރައީސް ނަޝިދު މިފަދައިން ވިދާޅުވެ، ބަހުގެ ހަމަލާތައް މިނިސްޓަރ ޝައުނާއަށް އަމާޒުކުރައްވާފައި މިވަނީ އެމްޑީޕީގެ ޗެއަރޕރާސަން ކަމަށް ކުރިމަތިލައްވާފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ތާއީދު ކުރައްވާ ކަން ޝައުނާ ހާމަ ކުރެއްވުމުންނެވެ.
ރައީސް ނަޝީދުގެ ކެމްޕެއިނުގައި ވެސް ކުރިން މަސައްކަތް ކުރައްވާފައިވާ އަދި އެމަނިކުފާގެ ގާތް ބެފުޅެއްގެ ގޮތުގައި ބައްލަވާ ޝައުނާ، ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާ ފޮނުއްވި ވީޑިއޯ މެސެޖުގައި ވިދާޅުވެފައިވަނީ ފައްޒާޔަކީ ގިނަ ކަންތައްތަކުގައި ޝައުނާއާ ޚިޔާލު ތަފާތުވާ ބޭފުޅެއް ކަމަށެވެ.
Minister Shauna ge amilla vazeefa ge edhumah fahikoh MDP akee kobaakan bayaan kuravvan noolhuvva. MDP ge aanmu memberunah MDP akee kobakan varah saafuvaane
— Mohamed Nasheed (@MohamedNasheed) May 4, 2022
އެހެންނަމަވެސް ފައްޔާޒު ފާހަގަ ކުރެވެނީ، ކަންކަން ނިންމައިދޭ އަދި ކޮޅެއްގައި ޖައްސާ ބެފުޅެއްގެ ގޮތުގައި ކަމަށް ޝައުނާ ވަނީ ފާހަގަކުރައްވާފައެވެ.
އެމްޑީޕީގެ ޗެއަރޕރާސަން ކަމުގެ އިންތިޚާބުގައި ފޯރިގަދަވެ، އެ ޕާޓީގެ ތެރޭގައި މިހާރުވަނީ ދެ ފެކްޝަނެއް އުފެދިފައެވެ. އެއީ ރައީސް ސާލިހަށް ތާއީދު ކުރައްވާ ފެކްޝަނަކާއި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފެކްޝަނެކެވެ.
މިނިސްޓަރ @anuahsa ގެ ތާއީދު @faya_i އަށް #Faya4CP#Rozey4ARR#MDPhingaalan pic.twitter.com/0PKEq5WCvp
— Azmeen (@Azmeen_87) May 4, 2022
މި ދެ ފެކްޝަންގެ ބޭފުޅުންގެ މެދުގައި ބަހުގެ ޙަމަލާތައް ރައްދުކުރަމުން އަންނައިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވެސް އެއް ފެކްޝަނުން އަންނަނީ އަނެއްފެކްޝަނަށް އަމާޒުކޮށް ބަހުގެ ޙަމަލާތައް ދެމުންނެވެ.
އެމްޑީޕީގެ ޗެއރަޕާރސަން އިންތިޚާބުގައި ވާދަކުރައްވާ މިހާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢިލަކީ ރައީސް ސާލިހު ގެ ފެކްޝަންގެ ބޭފުޅެކެވެ.
ޗެއަރޕާރސަން ކަމުގެ މަގާމަށް ވާދަކުރައްވާ މަޖިލީސް މެންބަރު އިމްތިޔާޒު ފަހުމީގެ ފަހަތުގައި، ކުރީގެ ޗެއަރޕރާސަން ހަސަން ލަތީފާއި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މާފަންނު މެދުދާއިރާގެ މަޖިލީސް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ރ. އުނގޫފާރު ދާއިރާގެ މަޖިލީސް މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ފަދަ ބޭފުޅުން ތިއްބެވިއެވެ.
އެމްޑީޕީގެ ޗެއަރޕާރސަންގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުން އޮންނަނީ މިމަހުގެ 14 ވާ ހޮނިހިރު ދުވަހުއެވެ.