ފުވައްމުލައް ސިޓީ ކައިރިއަށް ޑައިވަރ، މުހައްމަދު ސަޢީދު ގެއްލުނު ސަރަހައްދުން ޑައިވް ބެލްޓެއް ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ ފުވައްމުލައް ސިޓީ ބޭރުން ގެއްލުނު ޑައިވަރު ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންގައި މެއި 4 ވަނަ ދުވަހު ކޯސްޓްގާޑު ޑައިވަރުން ހަތަރު ޑައިވް ކޮށްފައިވާ ކަމަށެވެ. އަދި މިއަދު ހެނދުނު ކުރި ޑައިވެއްގައި އެ ސަރަހައްދުގެ 68 މީޓަރު އަޑިން ޑައިވް ބެލްޓެއް ފެނިފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން މިއަދު މިކަން ހާމަކޮށްފައިވާއިރު، ފުވައްމުލަކު ސިޓީ "ޓައިގަރ ޝާކް" ޕޮއިންޓު ކައިރިއަށް ޑައިވިނަށް ދިޔަ ފަހުން ގެއްލިގެން ހޯދަމުންދާ ސައީދު މަސް ހިފަން ގެންގުޅު އާލާތެއް ކަމަށް ބެލެވޭ އާލާތެއް ކަނޑުގެ 59 މީޓަރު އަޑިން އިއްޔެ ވަނީ ފެނިފައެވެ.
އެމްއެންއެންޑީއެފް އިން އިއްޔެ ބުނެފައިވަނީ ސްލޯޕެއްގޮތަށް އުފެދިފައިވާ އެ ސަރަހައްދުގެ ފުންމިނުގައި މި އާލާތްފެނުނު ޕޮއިންޓުން ފެށިގެން 70 އާއި 100 މީޓަރާ ދެމެދުގެ ފުންމިން ހުންނާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ އާލާތް ފެނުނު ފަހުން ކަނޑުގެ އަޑިން 550 މީޓަރަށްވުރެ ބޮޑު ސަރަހައްދެއް ކޯސްޓްގާޑުގެ ޑައިވިންގ ޓީމުން ބަލާފައިވީނަމަވެސް މިހައިތަނަށް ސައީދުގެ އެއްވެސް ހިލަމެއް ވެފައެއް ނުވެއެވެ.
މުހައްމަދު ސައީދު ގެއްލިގެން އެންއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓު ކުރީ މި މެއި މަހުގެ ދެވަނަ ދުވަހުގެ ހަވީރު 3:35 ގައެވެ. އަދި ސައީދު ޑައިވިނަށް ފޭބި ކަމަށްވަނީ މެންދުރު 2:30 ހާއިރުއެވެ.
ސައީދު ޑައިވިނަށް ފޭބި އިރު ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓެއް ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތުދެއެވެ. އަދި ކަޅުކުލައިގެ ފިންސަކަށް އަރައިގެން ހުރިއިރު، އަޅައިގެން ހުރީ ކަޅުކުލައިގެ މާސްކެއް ކަމަށާއި އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮންނާނެކަމަށް ކޯސްޓްގާޑަށް އޭނާ އާއި އެކު މަސައްކަތް ކުރާ މީހުން މައުލޫމާތު ދީފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނީ ސައީދު ހޯދުމަށް ހުއްޓުމެއް ނެތި ކަނޑާއި ވައިގެ މަގުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކޯސްޓުގާޑުގެ ދެ ހާބާކްރާފްޓު އުޅަނދާއި ޑޯނިއާ ފްލައިޓުގެ އިތުރުން ފުވައްމުލަކުގައި މަސައްކަތް ކުރާ ޑައިވަރުންވެސް ވަނީ އޭނާ ހޯދުމަށް އެހީތެރިވަމުން ކަމަށް މައުލޫމާތުދެ އެވެ.
ކޯސްޓްގާޑުން ވަނީ ސައީދު އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންނަށް ނުވަތަ އެ އިދާރާއަށް އެންގުމަށް އެދިފައެވެ.