ފުވައްމުލަކު ސިޓީ ކައިރިއަށް ޑައިވިނަށް ދިޔަ ސަޢީދު ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް، މަސްހިފަން ގެންގުޅުނު ކަމަށް ބެލެވޭ އާލާތެއް ވަނީ ފެނިފަ

ފޮޓޯ: އެމްއެންޑީއެފް

ފުވައްމުލަކު ސިޓީ ކައިރިއަށް ޑައިވިނަށް ދިޔަ ޢުމުރުން 35 އަހަރުގެ މުޙައްމަދު ސަޢީދު ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެ އިދާރާގެ އިންފޮމޭޝަން އޮފިސަރ ވިދާޅުވީ ފުވައްމުލަކު ސިޓީ "ޓައިގަރ ޝާކް" ޕޮއިންޓު ކައިރިއަށް ޑައިވިނަށް ދިޔަ ފަހުން ގެއްލިގެން ހޯދަމުންދާ ސައީދު މަސް ހިފަން ގެންގުޅު އާލާތެއް ކަމަށް ބެލެވޭ އާލާތެއް ފެނިފައިވަނީ ކަނޑުގެ 59 މީޓަރު އަޑިން ކަމަށެވެ.

އެމްއެންއެންޑީއެފްގެ ޑައިވަރުންނާ ޙަވާލާދީ އޭނާ ވިދާޅުވީ ސްލޯޕެއްގޮތަށް އުފެދިފައިވާ މި ސަރަހައްދުގެ ފުންމިނުގައި މި އާލާތްފެނުނު ޕޮއިންޓުން ފެށިގެން 70 އާއި 100 މީޓަރާ ދެމެދުގެ ފުންމިން ހުންނާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ އާލާތް ފެނުނު ފަހުން ކަނޑުގެ އަޑިން 550 މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑުގެ ޑައިވިންގ ޓީމުން މިހާރުވަނީ ބަލާފައި ކަމަށާއި ނަމަވެސް މިހައިތަނަށް ސައީދުގެ އެއްވެސް ހިލަމެއް ވެފައި ނުވާ ކަމަށް އިންފޮމެޝަން އޮފިސަރ ވިދާޅުވިއެވެ.

މުހައްމަދު ސައީދު ގެއްލިގެން އެންއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓު ކުރީ މި މެއި މަހުގެ ދެވަނަ ދުވަހުގެ ހަވީރު 3:35 ގައެވެ. އަދި ސައީދު ޑައިވިނަށް ފޭބި ކަމަށްވަނީ މެންދުރު 2:30 ހާއިރުއެވެ.

ސައީދު ޑައިވިނަށް ފޭބި އިރު ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓެއް ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތުދެއެވެ. އަދި ކަޅުކުލައިގެ ފިންސަކަށް އަރައިގެން ހުރިއިރު، އަޅައިގެން ހުރީ ކަޅުކުލައިގެ މާސްކެއް ކަމަށާއި އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮންނާނެކަމަށް ކޯސްޓްގާޑަށް އޭނާ އާއި އެކު މަސައްކަތް ކުރާ މީހުން މައުލޫމާތު ދީފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ ސައީދު ހޯދުމަށް ހުއްޓުމެއް ނެތި ކަނޑާއި ވައިގެ މަގުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކޯސްޓުގާޑުގެ ދެ ހާބާކްރާފްޓު އުޅަނދާއި ޑޯނިއާ ފްލައިޓުގެ އިތުރުން ފުވައްމުލަކުގައި މަސައްކަތް ކުރާ ޑައިވަރުންވެސް ވަނީ އޭނާ ހޯދުމަށް އެހީތެރިވަމުން ކަމަށް މައުލޫމާތުދެ އެވެ.

ކޯސްޓްގާޑުން ވަނީ ސައީދު އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންނަށް ނުވަތަ އެ އިދާރާއަށް އެންގުމަށް އެދިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.