ނޫސްވެރިކަމުގެ މިނިވަންކަން ހިފެހެއްޓުމެއް ނެތި ދީފައި އޮތަސް، ކޮންމެ ނޫސްވެރިއެއްގެ ކޮނޑުގައި ޤައުމީ މަސްއޫލިއްޔަތެއް އެޅިފައިވޭ: ރައީސް ސާލިހް

ރާއްޖޭގެ ނޫސްވެރިން

ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ހިފެހެއްޓުމެއް ނެތި ދީފައި އޮތަސް، ކޮންމެ ނޫސްވެރިއެއްގެ ކޮނޑުގައި ވަރަށް މަތިވެރި ޤައުމީ މަސްއޫލިއްޔަތެއް އެޅިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބާގައި އެމަނިކުފާނު ދެއްވި ޚިޠާބުގައި ރައީސް ވިދާޅުވީ ޤައުމީ ބޮޑެތި މައްސަލަތަކާ މެދު ޢާންމު ރައްޔިތުން ހޭލުންތެރިކޮށް، ޤައުމީ ލޯތްބާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަކީ ވެސް، ނޫސްވެރިންގެ ކޮނޑުގައި އެޅިފައިވާ ޒިންމާތަކެއް ކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ކޯވިޑް-19ގެ ނުރައްކާތެރި ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުން ހޭލުންތެރިކުރުމަށް، ރާއްޖޭގެ ހުރިހާ ނޫސްވެރިން އެއްބައެއްގެ ގޮތުގައި ތިބެ ކުރި މަސައްކަތް ފާހަގަކުރައްވައި ކުރިމަގުގައި ވެސް ޤައުމަށް ކުރިމަތިވާ އެފަދަ ބޮޑު ކޮންމެ ކަމެއްގައި، ނޫސްވެރިންގެ ޒިންމާދާރު ޤައުމީ ޚިދުމަތްތައް ފެނިގެންދާނެ ކަމުގައި އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހުގެ ޚިޠާބުގައި އިތުރަށް ވިދާޅުވީ ރާއްޖެއަކީ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު އެންމެ ފުރިހަމައަށް ލިބިދީފައިވާ ޤައުމުކަން ފާހަގަކުރައްވާފައެވެ. އަދި މި ޙައްޤު ޙިމާޔަތްކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ފުރިހަމަ މިނިވަންކަމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު، ކުރިމަގުގައި ވެސް ދިވެހި ނޫސްވެރިންނަށާއި ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިދޭނެކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރުން މަދުކުރުމަށާއި، އެފަދަ ޕްލާސްޓިކް އުފެއްދުންތައް ރާއްޖޭގެ ގޮނޑުދޮށްތަކަށާއި މޫދަށް އުކައިލުން ހުއްޓުވުމުގައި ދިވެހި ނޫސްވެރިން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވުމަށް ވެސް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށާއި، ނޫސް އިދާރާތަކުގެ ވެރިންނަށާއި މުވައްޒަފުންނަށް، އަދި ނޫސްވެރިންގެ ޢާއިލާތަކަށް، ތަހުނިޔާ ވިދާޅުވެ ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.