ކީރިތި ޤުރްއާނާއިބެހޭ މަރުކަޒުގެ މުދައްރިސުން މިފަހަރު ވެސް މި ޖެހުނީ އާދޭސްކޮށްގެން މުސާރަބޮޑުކުރަން!

ކްލާހެއްގައި މުދައްރިސަކު ފިލާވަޅު ނަގައިދެނީ

ތަޢުލީމާ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރިއިރު، ކީރިތި ޤުރްއާނާއިބެހޭ މަރުކަޒުގެ މުދައްރިސުންގެ މުސާރަ ބޮޑުނުކުރާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

އެ މަރުކަޒުގެ މުދައްރިސަކު ބުނީ މިއީ މިކަހަލަ ކޮންމެކަމެއްގައި ވެސް ކަންތައްވާގޮތް ކަމަށާއި އަބަދު ވެސް ބާކީވާނެ ކަމަށެވެ. އަދި އެކަމަށް އެތައް ޝަކުވާއެއް ކުރުމުން ނޫނީ ހަމަނުޖެހޭނެ ކަމަށެވެ.

"އެހެންވެ މިފަހަރު ވެސް މިހާރުވާނީ ޝަކުވާކޮށްފަ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިފަހަރު އޮނިގަނޑުގައި ހިމެނިފައި ނެތް ކަމަށް. ހިމަނާނެ (އޮނިގަނޑުގައި) ބުނި. ދެން ނޭނގެ. ބަލަމާދޯ އަނެއްކާވެސް މިޖެހުނީ ޝަކުވާގެ އަޑު އުފުލަން. މިނޫން ވަރެއް ނުވޭ އަހަރުމެންނަކަށް." މުދައްރިސަކު ބުންޏެވެ.

ސިވިލް ސަރވިސް މުވައްޒަފުންގެ ގޮތުގައި ތިބި އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ޤުރުއާނާއި ބެހޭ މަރުކަޒުގެ ޓީޗަރުން އެ އޮނިގަނޑުގައި ހިމެނިފައިނުވާއިރު، ކޮލެޖު، ޔުނިވަރސިޓީތަކުގެ ލެކްޗަރުންގެ މުސާރަ ވެސް ބޮޑުކުރުމުގައި މިފަހަރު ނުހިމަނައެވެ.

އެކަމާއިގުޅިގެން ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވަނީ ކޮލެޖު، ޔުނިވަރސިޓީތަކުގެ ލެކްޗަރުންގެ މުސާރަ މިފަހަރު ނުހިމެނޭ ކަމަށާއި ކުރިންވެސް ލެކްޗަރުންނަކީ މުޅިން އެހެން އޮނިގަނޑެއްގެ ބައެއް ކަމަށެވެ.

މި މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިއުލާނު ކުރެއްވީ އިއްޔެއެވެ.

ކީރިތި ޤުރްއާނާއިބެހޭ މަރުކަޒުގެ މުދައްރިސުންގެ މުސާރަ އޮނިގަނޑުން ބޭރުވީ ސަބަބާއިގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް އަދިނުލިބެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.