12.6 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12.6 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގާ ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފިއެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން އެމީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ދީފައިވާއިރު، މުއްދަތުގެ މަޖިލީހުގައި ފުލުހުން ބުނެފައިވަނީ މި މައްސަލާގައި ހިމެނޭ މުހައްމަދު އަބްދުއްލަތީފަކީ މަސްތުވާތަކެތި ބަލާ ދަތުރުކުރި ލޯންޗުގެ ކެޕްޓަން ކަމަށާއި އޭނާ އެ ދަތުރުކޮށްފައި ވަނީ އެއީ މަސްތުވާތަކެތި ބަލާ ދިޔަ ދަތުރެއްކަން އެނގި ހުރެ ކަމަށެވެ.

ފުލުހުންގެ އުޅަނދު ފެނުމުން މަސްތުވާތަކެތި އަޅާފައި ހުރި ދަބަސް އެއްލާލައި، ފިލަން މަސައްކަތް ކުރިކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މުހައްމަދު އަބްދުއްލަތީފަކީ މީގެ ކުރިންވެސް ވައްކަމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ރެކޯޑް އޮންނަ މީހެކެވެ. މި މައްސަލާގައި ހިމެނޭ އިންޑިއާ މީހާ އަކީ މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން މިފަދަ މައްސަލަތަކުގައި ހައްޔަރުކޮށް ކޯޓުން ދޫކޮށްލާފައިވާ މީހެކެވެ. ފުލުހުން ވަނީ އޭނާ އަކީ މިކަމުގެ މޭސްތިރި ކަމަށް ތުހުމަތުކޮށްފައެވެ.

އެ އޮޕަރޭޝަން ގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، މަރިޔާޒް، އުމުރުން 30 އަހަރުގެ މުޙައްމަދު ޢަބްދުއްލަޠީފާއި، އިންޑިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 37 އަހަރުގެ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީ އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 30 އަހަރުގެ ކަވްސަރު އަލަމްއެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ބެލެވޭ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހެއްކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާއަކީ މީގެކުރިން ވެސް މަސްތުވާތަކެއްޗާއި ބަނގުރާގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލާފައިވާ މީހެކެވެ.

އެ މައްސަލަ މިހާރުވަނީ ކޯޓުގައެވެ. މީގެ އިތުރުން، އޭނާއަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑު ވެސް އޮންނަ މީހެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.