އިސްރާއީލުގެ ސަލާމަތީ ބާރުތަކުން މުސްލިމުންގެ ތިންވަނަ ޙަރަމް، މާތްވެގެންވާ އަލްމަސްޖިދު އަލްއަޤްޞާ (މަސްޖިދުލް އަޤްޞާ) ގެ ވަށައިގެން އަޅާފައިވާ ވަރުގަަދަ ސަލާމަތީ ފިޔަވަޅުތަކާ އެކުވެސް، އެ ޙަރަމްފުޅުގައި 2 ލައްކަ މުސްލިމުން މިއަދު ފިޠުރު ޢީދު ނަމާދު ކޮށްފިއެވެ.
ޤުދްސުގެ އިސްލާމީ އައުޤާފާ ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި ޤުދްސުންނާއި، ހުޅަނގު އައްސޭރިންނާއި، އިސްރާއީލުގެ ތެރޭން އައި ފަލަސްޠީނު މީހުން ވަނީ އަޤްޞާ މިސްކިތުގެ ވަށައިގެންވާ ސަރަހައްދު ފުރާލާފައިވާއިރު ސޫދާނާއި، ޖޯޑަން (އުރްދުން) އާއި، މެލޭޝިޔާއާއި، ތުރުކީއާއި އިންޑިޔާފަދަ ޤައުމުތަކުގެ މުސްލިމުންވެސް ޢީދު ނަމާދުގައި ބައިވެރިވެފައެވެ. މާތް ﷲ އެ މިސްކިތެއްގެ ވަށައިގެން ބަރަކާތް ލައްވާފައިވާ ކަމަށް ވަޙީކުރައްވާފައިވާ މިސްކިތާ ހަމައަށް އާދެވުނު ކަމަށްޓަކައި ގިނަ މީހުން އުފަލުން ތިބިކަން މޫނުމަތިން ފާޅުވޭވޭ ހުރިއިރު، ހިލޭ ސާބަހަށް މަސައްކަތްކުރަމުން ދިޔައީ ކުޑަކުދިންނަށް ކުޅޭތަކެއްޗާ ހަދިޔާ ބަހަމުންނެވެ.
އައުޤާފާ ބެހޭ އިދާރާގެ ޑިރެކްޓަރު ޢައްޒާމް އަލްޚަޠީބު ވިދާޅުވި ގޮތުގައި ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް، ޔަހޫދީ ސަލާމަތީ ބާރުތަކުން ވަނީ އަޤްޞާގެ ޙަރަމްފުޅަށް ޢީދު ނަމާދަށް ދިޔަ މީހުން އެ ސަރަހައްދަށް ވަނުމުގެ ފުރުސަތު ދީފައެވެ. އޭނާ ވިދާޅުވި ގޮތުގައި މުސްލިމުން އެ މާތް ޙަރަމްފުޅަށް ވަދެފައި ވަނީ އީދުގެ ތަކުބީރާއި ތަހުލީލު ބާރަށް ކިޔަމުންނެވެ.
މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހުކޮޅު އިސްރާއީލުގެ ސަލާމަތީ ބާރުތަކުންނާއި، ހައްދު ފަހަނައަޅާފައިވާ ޔަހޫދީން އަޤްޞާއަށް ވަދެގަނެ އެ މާތް ޙަރަމްފުޅުގައި އަޅުކަންކުރަން ތިބި މީހުންނަށް އަނިޔާކޮށް، މިސްކިތުގެ ޙުރުމަތް ކަނޑާފައި ވާތީ، މިއަހަރު ފިޠުރު ޢީދު ދުވަހު މުސްލިމުންނާ ޔަހޫދީ ބާރުތަކާ ދެެމެދު ކުރިމަތިލުމެއް ހިނގާފާނެކަމަށް އޮތީ ބެލެވިފައެވެ. އެހެންނަމަވެސް، އަޤްޞާއަށް އަޅުކަންކުރަން ދާ މުސްލިމުންނަށް ހުރަސްއަޅައި، އިސްރާއީލުން އެ މިސްކިތުގެ ޙުރުމަތް ކަނޑަމުން ދާނަމަ ރައްދުދޭނެކަމަށް ޙަމާސް (އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް) އިން ދިނުމުން އިސްރާއީލުގެ ހަރުކަށި އަމަލުތަކަށް ލުއިކަމެއް އައިސްފައިވާކަމަށް ބެލެވެެއެވެ.